ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް ކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، މާލެ ސަރަހައްދު އެއްފަސް ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
'ޗެނަލް 13' އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެއް ފަސްކުރުމުގެ ސިޔާސަތުގައި 'ހަބަކަށް' ވާނީ މާލެ ސަރަހައްދު ކަމަށެވެ. އަދި މާލެ ނޫން އެހެން ސަރަހައްދުތައް އެއް ފަސް ކުރެވޭތޯ ނުބައްލަވާނެ ކަމަށާއި، އެކަމަށް ހަރަދުވެސް ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެއް ފަސް ކުރުމުގެ ސިޔާސަތުގައި ހަބަކަށް ވާނީ އަދިވެސް މާލެ ސަރަހައްދު. ކުޅުދުއްފުށީ، ތިނަދޫ، އައްޑު އަތޮޅު ހިތަދޫ، ވަރަށް ނަންނަން ކީދާނެ. އެކަމަކު އަޅުގަނޑަށް ފުރުސަތެއް ލިބިއްޖެ ކަމަށް ވަންޏާ ދައުލަތުގެ ފައިސާއެއް ބޭންކެއް ނުކުރާނަން. އެތަންތަން އެއް ފަސްކުރުމުގެ ސިޔާސަތު ކާމިޔާބު ކުރެވިދާނެތޯ ބަލާކަށް. އެ އެކްސްޕެރިމެންޓެއް ނުކުރާނަން.
ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ މާލޭގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން މި ސަރަހައްދަށް ހިޖުރަކުރާ މީހުން ގިނަވުމެވެ. އަދި އެއްފަސް ކުރުމުގެ ސިޔާސަތު މާލޭގައި ކާމިޔާބުވާނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާލެ އަށް ހިޖުރަ ކުރާ މީހުންގެ އަދަދު ގިނަ ނަމަވެސް، މި ސަރަހައްދު ފުރިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެއީ މިހާރު މިއޮތީ ކާމިޔާބުކަމާއި އެކީ ޕްރޫވްކުރެވިފައިވާ ޕްރޮޑަކްޓެއް މިއޮތީ. އެހެންމަ އެއް ފަސްކުރުން މި ކޮޅުގައި އޮންނާނީ. މިކޮޅުން އެއް ފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް ފުރިގެންނެއް މާލެ ސަރަހައްދު ދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.
"ފ. އަތޮޅު ވިއްކާލަން އުޅުނު ވާހަކަތަކަކީ ރޯ ބުހުތާނު ދޮގެއް"
ރައީސް ޔާމީންގެ ވެރިކަމުގައި، ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައެވެ. މިގޮތަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވީ ފ. އަތޮޅުގެ ބައެއް ސައުދީ ޝާހީ އާއިލާއަކަށް ތަރައްގީކުރަން ދިނުމެވެ. މިއާއި ގުޅިގެން އޭރު ފެތުރުނު އެއް ވާހަކައަކީ ރައީސް ޔާމީން އުޅުއްވީ އެ އަތޮޅު ވިއްކާލުމަށް ކަމަށެވެ.
ފ. އަތޮޅު ވިއްކާލަން މަސައްކަތް ކުރެއްވި ކަމަށް ދެކެވުނު ވާހަކަތަކުގެ ރައްދަކަށް އެމަނިކުފާނު ވިދާޅުވީ އެއީ 'ރޯ ބުހުތާނު ދޮގެއް' ކަމަށެވެ. އެއްވެސް އިރަކު މުޅި އަތޮޅު ވިއްކާލުމަށް ނޫޅުއްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭރު ރާވާފައި އޮތީ އެ އަތޮޅުގެ ވަކި ސަރަހައްދެއް ވިއްކާލުމަށް ކަމަށެވެ.
ދެން ބުނީ ފ. އަތޮޅު ވިއްކާލަނިއްޔޭ. ފ. އަތޮޅެއް ނޫން ވިއްކަނީ، ފ. އަތޮޅުގެ ސަރަހައްދެއް އެއީ. އަނެއްކާ އެ ސަރަހައްދުގެ އެ މަޝްރޫއު ނެގިނަމަވެސް، ފ. އަތޮޅުގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ބަދަލެއް ނާދޭ. ހަމަ އެ މީހުން އެތާގައި ދިރިއުޅެމުންދާނެ. އެހެންމަ ފ. އަތޮޅަކީ މާ ގިނަ ރަށްތަކެއްގައި މީހުން ދިރިއުޅޭ ތަނެއްވެސް ނޫން. އެއީ ހަމަ ރޯ ބުހުތާނު ދޮގެއް.
ރައީސް ޔާމީން ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ކުރެވުނު ނަމަ، ފ. އަތޮޅަށް އިންގިލާބެއް ގެނެވުނީސް ކަމަށެވެ. އަދި އެ އަތޮޅުގެ ރައްޔިތުންނަށް ލިބެން އޮތް އެންމެ ބޮޑު އިގްތިސާދީ ފައިދާއިން މަހުރޫމު ކުރީ ކޮންބައެއްތޯ ވެސް އަތޮޅުގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.