އައްޑޫ ސިޓީ ހިތަދޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް އަނެއްކާވެސް އެހެން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ ކުރިން މި މަސައްކަތްކުރުމަށް ހަވާލުކުރި ކުންފުނިން މަސައްކަތް ނުނިންމުމުންނެވެ. މި މަސައްކަތް ކުރިޔަށްގެންދިޔުމަށް މިފަހަރު ހަވާލުކޮށްފައިވަނީ، ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ، 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކުރާ ގޮތަށެވެ.
ހިތަދޫ ގޭދޮށު މަސް ޕްލާންޓް ޑިޒައިން ބިލްޑް އެންޑް އޮޕަރޭޝަންސް އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ސީބޮޓްސް ޕވޓ. ލޓޑ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. pic.twitter.com/ohX66EQj7O
— Addu City Council (@AdduCityCouncil) January 2, 2022
އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައު ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރީ، ކުރީގެ ކައުންސިލުން އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާތީކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ފެކްޓަރީ ތަކަކީ، އައްޑޫ އިން މަސްކިރާ، ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ތައްޔާރުކުރާ ތަންތަނެވެ.
20 ޓަނު އައިސް އުފައްދާ، 10 ޓަނުގެ މަސް މި ޕްލާންޓުތަކުގައި ރައްކާކުރެވޭއިރު، މި ޕްލާންޓު ތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދު މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި "ގޭދޮށު މަސް ފެކްޓްރީ" ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމާއިބެހޭ އައު ޤާނޫނުގައި "ގޭދޮށު މަސް ފެކްޓްރީ" ގާއިމްކުރުމަށް ވަނީ ހިމަނާފަ އެވެ. 2019 ސެޕްޓެމްބަރ 16 ގައި، ރައީސުލްޖުމްހޫރިއްޔާ ދަސްދީގުކުރެއްވި، މި ޤާނޫނުގައި މަސްވެރިންނާ ގުޅުންހުރި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.
އޭގެތެރެއިން އެއް ކަމަކީ، "ގޭދޮށު މަސްފެކްޓަރީ" އެޅުމެވެ. އަދި ގޭދޮށު މަސް ފެކްޓަރީތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 55 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށް ހެދުމަށްވެސް ޤާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.