ރާއްޖޭގެ ރަށެއްގެ މަގުމަތި.

މިދިޔަ އަހަރު ތައާރަފްކުރި ގެދޮރުވެރިޔާ ލޯނަށް އެދުމަށް، ރަށެއްގައި ދިރިއުޅޭތާ ތިން އަހަރުވުމަށް އޮންނަ ޝަރުތު ހައުސިން ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗްޑީއެފްސީ) އިން އުނިކޮށްފިއެވެ.

ރާއްޖޭގެ ރަށްތަކުގައި ރަށްވެހިވެ، ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި އެ ލޯނު ސްކީމަކީ ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަށަވަރު ކޮށްދިނުމުގައި މަގްސަދުގައި ތައާރަފް ކުރި ލޯން ސްކީމެކެވެ. އެ ލޯނަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި 'ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ މީހާ ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅެތާ މަދުވެގެން 3 އަހަރު ވުން' މީގެ ކުރިން ހިމެނެއެވެ. ނަމަވެސް، އެޗްޑީއެފްސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ޝަރުތު އުނިކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ކޯޕަރޭޝަނުން ބުނީ މިހާތަނައް އެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ލޯން ސްކީމަށް އެދި ހުށަހެޅޭނީ އެޗްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެ ސްކީމަށް ލިބޭ އެޕްލިކޭޝަންތައް އެޕްރޫވް ކުރަނީ އެޗްޑީއެފްސީއާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނައިން ދޫކުރަނީ ހަތް ލައްކަ ރުފިޔާއެވެ. އެގޮތަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަ އިންސައްތައެވެ. އަދި ދޫކުރަނީ ޖުމްލަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ތެރޭ ދައްކައި ހަލާސްކުރާ ގޮތަށެވެ. އެ ލޯނުގެ ދަށުން ކޮންމެ މަހަކުވެސް އަބުރާ ދައްކަން ނަގާނީ 5،000 ރުފިޔާކަމަސް ސަރުކާރުން ވަނީ މިގެ ކުރިން ބުނެފައެވެ.

އެ ލޯނަށް އެދޭއިރު ޑިޕޮސިޓެއް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ދެއެވެ. އެ މުއްދަތުގައި އިންޓްރެސްޓް އަދި ޕްރޮސެސިން ފީއެއްވެސް އެޗްޑީއެފްސީން ނުނަގައެވެ.

އެ ސްކީމްގެ ދަށުން އާންމުކޮށް ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށާއި، މަރާމާތް ކުރުމުގެ އިތުރުން މިހާރު ހަދަން ފަށާފައި ވާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

އެ ސްކީމް މިދިޔަ އަހަރު ތައާރަފްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

"ލޯނު ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް، ތައާރަފުކުރާ ލޯނު ސްކީމެއް. މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި، ނޫނީވިއްޔާ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި، ނޫނީވިއްޔާ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް. ގިނަވެގެން މަހެއްގެ މައްޗަށް 5000 ރުފިޔާ އަނބުރާ ދައްކަންޖެހޭނީ،"

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *