ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑާ ކުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމުގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކުރަނީ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އެރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައެވެ.
މިއަދު އެމައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވިދާޅުވީ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ލިބުނީ އަޑުއެހުމާއި ގާތްކޮށްފައިކަމަށެވެ. އަދި އެހެންކަމުން އެ ލިޔެކިއުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ޔާމީންގެ ވަކީލުން ކޯޓުގައި ބުނިއެވެ.
އެމައްސަލައިގައި ޔާމީނަށް ރިޝްވަތު ދިންކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްވެސް ވަނީ އެމައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށާއި ވަކީލަކު އައްޔަނުކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. ޔޫސުފް ނައީމަކީ މެމްބަރުކަން ކުރެއްވިއިރު ރައީސް ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ.
އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް ޝަކީލް ވަނީ ޔޫސުފް ނައީމަށް ވަކީލަކު ހަމަޖެއްސުމަށާއި، ޔާމީނަށް މައްސަލައިގެ ލިޔެކިއުންތައް ދިރާސާކުރުމަށް 10 ދުވަސް ދިނުމަށް ނިންމަވާފައެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 27 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައިވެއެވެ.
އާރަށު މައްސަލައިގެ އިތުރުން ޔާމީނާ ދެކޮޅަށް ތުހުމަތުވާ ރ. ފުއްގިރި މައްސަލަވެސް އޮތީ ކޯޓު މަރުހަލާގައެވެ. ގއ. ވޮޑަމުއްލާއާއި ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ބުނެ ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކުރި ފަސް އަހަރުގެ ޖަލު ހުކުމް ހުކުމް ގޯސްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ޔާމީން މިނިވަންވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.