ހުޅުމާލެ ފޭސް ދޭކުން ބީލަމުގެ އުސޫލުން އާންމުންނަށް ބިން ވިއްކަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ނިންމި ނިންމުމަށް ބަދަލުގެނެސް، ހަމައެކަނި މާލެ ރައްޔިތުންނަށް ބިން ވިއްކަން ނިންމި ނިންމުމަކީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ހެދި ނިންމި ނިންމުމެއްކަމަށް އެކުންފުނިން ބުނެފިއެވެ.
އެޗްޑީސީން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް ދޭކުން 60 ބިން ބީލަމުގެ އުސޫލުން ވިއްކަން އިއުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެޗްޑީސީން އެންމެ ފުރަތަމަ އިއުލާންކުރީ އަކަފޫޓަކަށް 3،500 ރުފިޔާގެ އުސޫލުން ފޭސް ދޭއްގެ ބީޗު ފްރަންޓާއި ބީޗު ސައިޑުން 1،603 އަކަފޫޓާއި 2،633 އަކަފޫޓާއި ދެމެދުގެ ގޯތި ވިއްކުމަށެވެ.
ނަމަވެސް އެ ނިންމުމަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވީ ގިނަ ބަޔަކު ބޯހިޔާވަހިކަމަށް ޖެހިފައި ތިއްބާ އެކުންފުނިން "މުއްސަނދިންނަށާއި ވިޔަފާރިވެރިންނަށް" ބިން ވިއްކާތީވެކަމަށް ބުނެއެވެ. އަދި ވަކިން ހާއްސަކޮށް މާލޭ ރައްޔިތުންނަށް ގޯތި ލިބުމުގައި ދަތިތަކެއް ހުރިއިރު، އެޗްޑީސީން އެގޮތަށް ކަންކަން ކުރާތީ އެފާޑުކިޔުންތައް އިތުރުވިއެވެ.
އާންމުކޮށް ހުޅުވާލައިގެން ބިންވިއްކުމަށް އެޗްޑީސީން ނިންމި އެ ނިންމުން ބަދަލުކޮށް، މިހާރު ނިންމާފައިވަނީ ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ވިއްކުމަށްކަމަށް އެކުންފުނިން މިހާރު ބުނެއެވެ. އެ ކުންފުނީގެ އޮފިޝަލަކު 'ޖަޒީރާ' އަށް ވިދާޅުވީ ޕޮލިސީ ލެވެލްގައި މިހާރު ނިންމާފައިވަނީ މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެކަމަށް ރިއާޔަތްކޮށް، ހަމައެކަނި މާލެ ރައްވެހިންނަށް ފޭސް ދޭކުން ބިން ވިއްކުމަށެވެ.
ނަމަވެސް އެ ނިންމުމަސް މިހާރުވެސް އާންުންގެ ގިނަ ބަޔަކު ދަނި އެއީ ތަފާތުކުރުންކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމައެކަނި މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި، އަދި މިހާރުވެސް އެޗްޑީސީން ބިން ވިއްކަން އިއުލާންކޮށްފައިވާ އަގުގައި އާންމު ރައްޔިތަކަށް ބިން ގަތުމުގައި ބޮޑެތި ތަކުލީފްތަކެއް އުފުލަންޖެހޭނެކަމަށް ބުނަމުންނެވެ.