ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުގެ ކުލީގެ ގްރޭސް ޕީރިއަޑު ތިން މަހަށް އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމުގެ ސަބަބުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބޭ ގެއްލުން ފޫބައްދާނެ ގޮތުގެ މަޝްވަރާތައް ސަރުކާރާއި އެކު ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތައް އެތަންތަނުގެ ވެރިފަރާތައް ދޫކުރި އިރު އެތަންތަނުގެ ފިނިޝިން މަސައްކަތްތައް ހުރީ ނުނިންމައެވެ. އެހެންވެ އެ މަސައްކަތް ނިންމުމަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ތިން މަހުގެ މުއްދަތެއް ދިން އިރު އެ މުއްދަތު ހަމަވީ މި ޖެނުއަރީ އަށެވެ. އެކަމަކު އަދިވެސް އެތަންތަނުގައި މަސައްކަތް ނުނިމޭ ފްލެޓުތައް ގިނަވެ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ސަބަބުން ސަރުކާރުން ވަނީ އިތުރު ތިން މަހުގެ ގްރޭސް ޕީރިއަޑެއް ދީފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު 'ޖަޒީރާ' އަށް ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަކީ އެޗްޑީސީއާ މަޝްވަރާކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެކަމުގައި އެޗްޑީސީގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އެކަމަކު އޭގެ ސަބަބުން އެޗްޑީސީއަށް ގެއްލުންވާނެކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި އެ ގެއްލުން ފޫބައްދާނެ ގޮތެއް ހޯދުމަށް މިހާރު ސަރުކާރާއި އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރުން ހިޔާ ފްލެޓެއްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7،500ރ އެވެ. އަދި މެއިންޓަނަންސް ފީ ގެ ގޮތުގައި އިތުރު 1،000ރ ނަގާއިރު ކޮންމެ މަހަކު ޖުމްލަ 8،500ރ އެފްލެޓްތަކުގެ ވެރިފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. އެ އަދަދަކީ 25 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަނޑައަޅާފައިވާ އަދަދެކެވެ.
ހިޔާގައި ޖުމްލަ 6،720 އެޕާޓްމަންޓް ތިބޭ އިރު، އެޗްޑީސީއަށް މަހަކު ޖުމްލަ 57 މިލިއަން ރުފިޔާ ހިޔާ ފްލެޓްތަކުން ލިބެން ޖެހޭނެއެވެ. ގްރޭސް ޕީރިއަޑުގެ ގޮތުގައި ފުރަތަމަ ދިން ތިން މަހުގެ މުއްދަތަށް ބަލާއިރު އެއީ 171 މިލިއަންގެ ރުފިޔާގެ ގެއްލުމެކެވެ. އަދި މިހާރު އަނެއްކާވެސް އެ މުއްދަތު ތިން މަހަށް އިތުރުކުރުމުން މި އަދަދުގެ ދެ ގުނަ އަށް އަރާނެކަމަށް ލަފާކުރެވެއެވެ.