މާވިން އެސްވައި އާއި ހަލީމަތު ލަމްހާ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕިންސްއަށް ނިސްބަތްވާ ނަރުސް މީހާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ލަމްހާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއްޔެ ކުރިމިނަލް ކޯޓުން ކަމަށެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި (29) އާއި އޭނާގެ ލޯބިވެރިޔާކަމަށް ތުހުމަތުވާ ޅ. ހިންވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން (24) ގެ މައްޗަށް ވަނީ ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އެދެމީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ގްރޭސްގެ މަރުގެ މައްސަލައިގައި ލަމްހާ އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާއާ މާވިންއާ ދެމެދު އޮތް ގުޅުމާ ގުޅޭ ބައިވަރު ވާހަކަތައް އާންމުކޮށްފައެވެ. ނަމަވެސް އެނގިފައިވާގޮތުގައި ފަހުން ލަމްހާގެ އެދުމުގެ މަތިން އެ ލިޔުން އެނޫހުން ވަނީ ނަގައިފައެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ އޮކްޓީބަރު 19 ވަނަ ދުވަހު މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީވެސް އޭނާގެ ފިރިމީހާ މާވިންއެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝަކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

އެ މަރާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށެވެ. އަދި މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީ ހަރު އެއްޗަކުން ޖެހުމުން ލިބޭ އަނިޔާއެވެ. ޕޯސްޓްމޯޓެމްއަށް މޭރީގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށްފަހު، އަނބުރާ ރާއްޖެ ގެނެސް، އޭނާގެ ހަށިގަނޑު އޭގެ ފަހުން ވަނީ ފިލިޕީންސްއަށް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *