މާލޭގެ އާންމު ސަރަޙައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި މޭޔަރު މުއިއްޒު ދެއްވި ހާއްސަ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ މިއަހަރަކީ މާލެ ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ހާސިލްވެގެން ދާނެ އަހަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެގޮތުން މިއަހަރަށް ކައުންސިލުން ރާވާފައިވާ ކަންކަމާއި ގުޅިގެން އޭނާ ވަނީ މާލޭގެ އާންމު ސަރަހައްދުތަކުގައި ހިލޭ ވައިފައި ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތާއި ގުޅިގެން ވާހަކަދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ ވައިފައި ބޭނުންކުރެވޭ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު މިއަހަރު ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި އެ ނިޒާމަކީ ޒަމާނީ ޑިޖިޓަލައިޒްޑް ސިޓީއަކަށް މާލެ ބަދަލުކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ މަޝްރޫއު އެއް ކަމަށެވެ.
އޭގެއިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މިސްކިތްތަކުގެ އެތެރެ އާއި ބޭރަކީވެސް ރައްކާތެރި ގޮތުގައި ބެލެހެއްޓެމުންދާ ތަނަކަށް ހެދުމަށްޓަކައި ރަމަޟާން މަހަށް ސީސީޓީވީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި މިސްކިތްތަކުގެ އިތުރުން މާލެ ސިޓީގެ އެހެނިހެން ސަރަޙައްދުތަކަކީވެސް ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ސީސީޓީވީ ނިޒާމު ހަރުދަނާ ކުރުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް އަވަސްކޮށް، ޒަމާނީކުރުމަށްޓަކައި ކައުންސިލްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މި އަހަރަކީ މާލެ ސިޓީގެ ރައްޔިތުންގެ އަމާޒުތަކަށް ވާސިލްވުމުގައި ނަތީޖާ ނެރެދެވޭނެ އަހަރަކަށް ވުމުގެ އުންމީދުކުރައްވާ ކަމަށެވެ.