އާ އަހަރުގެ އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި މިއަދު އެމަކިފާނުވިދާޅުވީ ރާއްޖޭގެ ކޮންމެ ފަރުދެއްގެ އުއްމީދަކީވެސް ކޮވިޑް-19ގެ ސަބަބަން ކުރިމަތިވި އިގްތިސާދީ ގެއްލުންތައް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކަށް ދިޔުން ކަމަށެވެ. އަދި އެއީ ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމައު އެކުގައި ހާސިލްކުރަން ބޭނުންވާނޭ ލަނޑުދަނޑިއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ފަރުދުންވެސް ކިތަންމެ އާދައިގެ މަސައްކަތެއް ކުރިޔަސް ގައުމީ ތަރައްގީއަށް އިތުރު ދިރުމެއް އަންނާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުންވެސް އެމަނިކުފާނު ވިދާޅުވީ، ދެ ޖިންސުގެ ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވުމުން، ރާއްޖެ ތަރައްގީގެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.
މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވުން ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްގީގެ ދަތުރުގައި އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަގީން،"
އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް، މިހާރު ފަށާފައިވާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެފަދަ އާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް އެކަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލްކުރެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެން ކަމަށެވެ. އަދި އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.