ނިމިދިޔަ 2021 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފޮނިކަން ރައްޔިތުންނަށް ލިބެން ފެށި އަހަރެކެވެ. އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެ މަޝްރޫއުގެ ނިމުމާއި، ހައްގުވެރިންނަށް ތަނުގެ ތަޅުދަނޑި ދިނުމާއި، ފިނިޝިން މަސައްކަތްތަކަށް މުޅި އެ ސަރަހައްދު ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލުވެގެންދިޔަ ދިޔުމާއި، ދެން އެތަނުން ނިކުންނަން ފެށި މައްސަލަތަކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި އެ 16 ޓވަރުގައި މިހާރު އާންމުން ދިރިއުޅެން ފަށާފައިވާއިރު އޭގެ ތާރީހަށްވެސް ކުޑަކޮސް ބަލައިލުން މުހިންމެވެ. މަޝްރޫއު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ސަރުކާރުގައެވެ. އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު އެފްލެޓްތައް ހުރީ އެކުލަވާލެވުނު ހައްގުވެރިންގެ ލިސްޓަކާއި އެއްގޮތަށް ލިޔުންދީ ނިންމާފައެވެ.
ނަމަވެސް މި ސަރުކާރުން އައިސް، އެ ލިސްޓު ގޯސްކަމަށް ކަނޑައެޅީ ސަބަބުތަކާހުރެއެވެ. އެކަމަކު އެހިސާބުން ހިޔާއާ ގުޅިގެން މައްސަލަތައް ނިކުންނަން ފެށި ގޮތަށް އަދި އެކަމަކަށް ނިމުމެއް އަންނަ ތަނެއް ފެންނާކަށް ނެތެވެ. ފްލެޓްތަކާއި ހައްގުވެރިންގެ މެދަށް ސިޔާސީ ފިކުރާއި ހިޔާލުތަފާތުވުންތައް ވަދެ، މިހާރު އެ ފްލެޓްތަކަކި ސިޔާސީ ޕޯޑިއަމްތަކުގައި އެކަކު އަނެކަކަށް ވައްބަހުން ޖަހަން އެންމެ ގަޔާވާ އެއް މާއްދާއަށް ވަނީވެފައެވެ. ބުރަ މަސައްކަތުން ބިނާކުރި އެ 25 ބުރީގެ ޓަވަރުތަކުގެ މައިގަނޑު ބޭނުން އެންމެންނަށްހެން މިހާރު ހަދާން ނެތިއްޖެކަހަލައެވެ.
ސަރުކާރު ބަދަލުވެގެން ދިޔަ ދަނޑިވަޅުގައި ފުރަތަމަ އެކުލަވާލި ފްލެޓް ލިސްޓަށް ރައްޔިތުންގެ އެތައް ޝަކުވާއެއް ހުރުމާއެކު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފްލެޓް ކޮމިޓީއެއް އުފައްދެވި ހަދާން ވެއެވެ. ކުރީ ސަރުކާރުގައި ފްލެޓްތައް ދިންގޮތް ދިރާސާ ކުރުމަށްފަހު، ފްލެޓް ކޮމިޓީން ވަނީ ލިސްޓުގައި ތިބި ފަރާތްތަކުން ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލައިފައެވެ. އާ ލިސްޓެއް އުފެއްދީ މިފަދަ ގިނަ ކަންކަން ބަލާ ދިރާސާ ކުރުމަށްފަހުއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ހައްގުވެރިން ކަނޑައެޅުމަށް ފްލެޓް ކޮމިޓީން މަސައްކަތް ކުރަމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސްވެރިން ދިޔައީ ހިޔާ ފްލެޓްތަކާމެދު އޮތް ނުރުހުން ހާމަކަން ބޮޑުގޮތެއްގައި ފާޅުކުރަމުންނެވެ. ކޮވިޑްގެ ފުރަބަންދަށްފަހު ރައީސް ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްކެވީ އެ ވާހަކައެވެ.
"ތިޔަބޭފުޅުންނަށް އެތަން ދައްކާލަން އަޅުގަނޑުމެން ގެންދާނަން. ބޭރަށް ވަރަށް ރީތި. ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސިގެން އަންނަ ގަޑީގައި. އެހެންނަމަވެސް، މީހުން ދިރިއުޅޭކަށް އެންމެ ރަނގަޅު ތަނެކޭ އަޅުގަނޑު އަދިވެސް ނުދަންނަވާނަން"
ރައީސް ސޯލިހާއި އެމްޑީޕީގެ ވިސްނުން ހުރީ އެ ފްލެޓުތަކަކީ ދިވެހިންނަށް ހައްގު މިންވަރެއް ނޫންކަމަށެވެ. ނަމަވެސް އިދިކޮޅުގެ ވިސްނުމާއި ފްލެޓު ލިބުނު ބައެއް މީހުން މިއަދުވެސް ދަނީ އިދިކޮޅު ލީޑަރުގެ ރައީސް ޔާމީންގެ ފަހަތުން އެތަނަކީ "ޕެންޓްހައުސްގައި އުޅޭ މީހުންނަށް ހެދި ތަނެއް ނޫން" ކަމަށް ބާރުލާ ބުނަމުންނެވެ. އަދި އެތަނަކީ އެއްޗެއް ނެތް މީހަކަށް ނުވަތަ މާލޭގައި ބޮޑު ކުއްޔަށް ހާލުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ހައްގު މިންވަރުގެ ސުވާލު އޮތް ގޮތަށް އޮއްވާ، ސަރުކާރުން އެ ފްލެޓްތައް ހައްގުވެރިންނަށް ދިނެވެ. ނަމަވެސް ދިނީ، ފިނިޝިން މަސައްކަތްތައް ނުނިންމައެވެ. އެކަމުގެ ފާޑުކިޔުންވެސް އައީ މި ސަރުކާރަށެވެ. އެގޮތަށް ނިންމީ އެތަނުގައި މުށި ޖެހުމާއި ފަންކާއާއި ބޮކި ހަރުކުރުމުގެ އިތުރުން ކުލަލުމާއި ދޮރު ހަރުކުރުމަކީ އެތަނުގައި ދިރިއުޅޭ ބަޔަކު ހިތް އެދޭ ގޮތަކަށް ހުންނަން ޖެހޭ އެއްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީއެވެ.
އެ ނިންމުން ބަދަލުކޮށް، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމައި ދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން ނިންމެވިއެވެ. އެހެންނަމަވެސް، އެކަމަށް އިތުރު ބޮޑު ޚަރަދެއް ދިއުމުގެ އިތުރަށް ފްލެޓްތަކުގެ ހައްގުވެރިންނާ ފްލެޓް ހަވާލު ކުރުން ލަސްވާނެތީ، ފްލެޓްތައް ހަވާލު ކުރަން މި ސަރުކާރުން ނިންމީ ފިނިޝިންގެ މަސައްކަތާ ނުލައެވެ.
މި އަހަރު ތެރޭގައި ހިނގި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމެވެ. ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އެގްރީމަންޓް ތައްޔާރުކުރުމަށްފަހު އެގްރީމަންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރަން ފެށީ ޖުލައި މަހުއެވެ.
އެގްރީމަންޓުގައި ސޮއި ކުރެވޭ ވަރަކުން ތަޅުދަނޑިއާ ހަވާލުވެ، ފްލެޓް ލިބުނު މީހުން އަވަސްވެގަތީ ތަނުގެ ފިނިޝިން މަސައްކަތް ނިންމާށެވެ. އޭރު ވެސް ހިޔާ ފްލެޓްތަކަކީ ހަމަ ކޮންސްޓްރަކްޝަން ސައިޓެކެވެ. ފެންފޮދެއްހާ މިންވަރުވެސް އެ ސަރަހައްދުން ލިބޭކަށް ނެތެވެ. މުޅި ސަރަހައްދުން ރޮންދާއާ ކީހުގެ އަޑު އިވެއެވެ. ބައެއް މީހުން ލައްކައިން ލައްކައިން ލޯނު ނަގައިގެންވެސް އެ ފްލެޓުތައް ހަދަން ހަރަދުކުރިއެވެ.
ދެން އަނެއްކާވެސް އައީ މުޅިން އެހެން ޒާތެއްގެ މައްސަލައެކެވެ. މީހުން އެތަނަށް ބަދަލުވާން ފެށިވަރަކަށް އެސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތަކާއި ހިދުމަތްދޭ ތަންތަން ގާއިމުވެފައި ނެތްއިރު ގިނަ އިޖްތިމާއީ މައްސަލަތަކެއް ދެން ފެންމަތިވެގެން އައެވެ. އެތަނަށް ދިރިއުޅުން ބަދަލުކުރި މީހުންނަށް ގުނާ އަދަދު ނުކުރެވޭހާ ތުރާ ކުރިމަތިވެގެން އައެވެ.
ބިން ހިއްކައި ރަނގަޅަށް ތަރައްގީ ނުކުރެވިގެން އުޅެނިކޮށް، މީހުން ބަދަލުވާން ފެށުމުން މައްސަލަތަކެއް ނިކުންނާނެކަމަކީ އެހާ ވިސްނައިގަންނަން އުނދަގޫ ކަމަކަށް ނުވެދާނެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ދިނުން އެއީ މިސަރުކާރަށް ހެދުނު ޅައެއްޗެކެވެ.
އެކަމަކު ގިނަ ބަޔަކު އިންތިޒާރުގައި "މަގޭ ފްލެޓް" އަށް ގޮވާލަ ގޮވާލާ ތިބުމުން ސަރުކާރުން ދޫދިނީއެވެ. އަވަސް ތަސައްލީއަކަށް ބޭނުންވެފަ ތިބި އެމީހުން އިތުރު ގޮތެއް ނެތުމުން ސުމަކުން ފަށަން ޖެހުނަސް، ފިނިޝިންއާ ނުލާވެސް އެ ފްލެޓްތަކަށް ބަދަލުވިއެވެ. އެތަނުގައި ފުރަތަމަ މީހުން ދިރިއުޅެން ފެށިއިރު އެތަނުގައި ފިހާރައެއްހާ މިންވަރުވެސް ނެތެވެ. ފެން ގަންނަން ޖެހުނަސް ދާން ޖެހެނީ ހުޅުމާލެ ފޭސް އެކަކަށެވެ.
ހިޔާ ފްލެޓް ސްރަހައްދުގައި ޚިދުމަތްތައް ގާއިމް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ފިހާރަ ހެދުމަށް ހެދުމަށް ތިން ބަޔަކާއެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެތަނަށް މީހުން ބަދަލުވާން ދިޔައީ ޕެކްކުރަމުންނެވެ. އޭގެ ތެރެއިން އެއް ފިހާރަ މިހާރު ހުޅުވާފައި ވާއިރު، ސުޕަމާކެޓު، ކްލިނިކް، ކެއުން ބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަނާއެކުގައިވެސް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހަމައެއާއެކި ރީޓެއިލް ފިހާރައާއި، ބޯކޮށާ ތަނެއްގެ އިތުރުން އެޗްޑީސީގެ އީޖާދީ މަންސައިގެ ދަށުން ކުޑަ ވިޔަފާރިއެއް ހިންގުމަށް ކޮމާޝަލް ޔުނިޓުތަކަކަށްވެސް އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. ރަނގަޅެވެ، އެންމެ އެދެވޭ ގޮތަކީ މީހުން ބަދަލުވާން ފަށާއިރު، އެ ހުރިހާ ތަނެއް ނިމިފަ ހުރުމެވެ. އެކަމަކު ކަންދިމާކުރި އެހެނެއް ނޫނެވެ. ބަހުގެ ހިދުމަތަށްވެސް އޮތީ ހަމަ އެވާހަކައެވެ. ނަމަވެސް ނުކުޅުދުންތެރިކަން ހުންނަ ކުއްޖެއްގެ މަންމަ، އެ ކުއްޖާ ކޮނޑަށް ލައިގެން ހިނގާފައި ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ. އަދި މިފަހުން އެ ސަރަހައްދުގައި ވަނީ ދެ މިސްކިތެއް ވެސް ބިނާކޮށްފައެވެ.
އެ މައްސަލަތައްވެސް ހުރީއެވެ. ދެން ފެންމަތިވީ ކުނީގެ މައްސަލަތަކެވެ. ސަރަހައްދުގައި އުފެދޭ ކުނިވާޒާތުގެ ކުނި ނެގުމަށް ވެމްކޯއިން ޑަސްބިންތައް ބަހައްޓާފައިވާއިރު، އެ ކުންފުނިން ދަނީ ދާއިމީ ގޮތެއްގައި ހިޔާ ފްލެޓްތަކުން ކުނި ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ސަރަހައްދަށް ގިނަވެފައިވާ ކޮންކްރީޓް ކުންޏަށް އަދި މިހާތަނަށް ހައްލެއް ލިބިފައެއް ނުވެއެވެ. ކުނިއަޅާނެ ވަކި ތަންކޮޅެއް ހާއްސަކޮށް، އެ ތަނުން ކުނި ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދިޔަ ނަމަވެސް އެތައް ހާސް ބަޔަކު އާބާދުވާން ތައްޔާރުވަމުންދާ ސަރަހައްދެއް ކަމުން ކުނީގެ މައްސަލަ ހައްލުކުރަން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ހިޔާ ސަރަހައްދުގައި ހުރި ކުނިތަކުގެ ސަބަބުން އެ ސަރަހައްދުގައި އެތައް އަލިފާނުގެ ހާދިސާއެއްވެސް ހިނގައިފިއެވެ. ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ކުރިން އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް ބޮޑު ކަމެއް ހިނގާފާނެ ކަމުގެ އެޔަށްވުރެ ބޮޑު ސިގުނަލެއް ނެތެވެ. މިއީވެސް މިހާރު ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް މައްސަލައެކެވެ.
މިހާތަނަށް އައިރު 1204 ހައުސިން ޔުނިޓުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެއީ އެތަނުގައި އާބަދުވާން އޮތް މީހުންގެ ކުޑަ މިންވަރެކެވެ. ނަމަވެސް މިހާރުވެސް ފޭރުމާއި ވައްކަމުގެ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފޭރުމުގެ މައްސަލައެއް އިހަށް ރެޔަކު ރިޕޯޓުކުރިއިރު، އެޕާޓްމަންޓްތައް ފަޅާލައިގެން ވަދެ ވައްކަންކުރުމުގެ ހާދިސާތަކެއްގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. ފްލެޓުތަކުގެ އެތެރޭގައި އަލި ނެތުމަކީވެސް ގިނަ ބަޔަކަށް އެފަދަ ނުރައްކަލުގެ ބިރު އިހުސާސްވާ ސަބަބެކެވެ.
އާންމުކޮށް ވައްކަމާއި ފޭރުމާއިއެކު ދެން އަންނަނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެ އުސް ޓަވަރުތަކުގެ އެންމެ މަތި މިހާރުވެސް ދަނީ މަސްތުގެ އައްޑާތަކަކަށް ބަދަލުވަމުންނެވެ. އެތަނުގައި ބަޔަކު މީހުން ދިރިއުޅެ، ސިޑިމައްޗަށް ފާހާނާ ކުރި ފޮޓޯތަކެއްވެސް ވަނީ އާންމުވެފައެވެ. އެކަންކަން ފުލުހުންގެ ސަމާލުކަމަށް އައިފަހުން މަދުވިނަމަވެސް، އެއީ މުޅިން ހައްލުވެފަ އޮތް ކަމެއް ނޫނެވެ.
ހިޔާ ފްލެޓް ސަރަހައްދަކީ އަމާންތަނެކޭ ބުނާނީ މަދު ބައެކެވެ. އަދި އެ ސަރަހައްދުގައި މަގުތައްވެސް ހަދައި ނުނިމޭއިރު، މަގު ބައްތިތަކުގެ ޝަކުވާވެސް އެތާ ދިރިއުޅޭ ބައެއް މީހުން ކުރެއެވެ. ފޯނުގެ އަލިން އެތަނުގައި ވަދެ ނިކުމެ ހަދާތަން ފެނުމަކީ އާންމު މަންޒަރެކެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހެއްނަމަ، އެ ފްލެޓުތަކުގައި އުޅުމަކި ވަކިން ބޮޑު ތަކުލީފެކެވެ.
މިކަންކަން މިހެން އޮތްނަމަވެސް، އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާ އޮތީ އެތަނުގެ ކުއްޔާއި ގުޅިފައެވެ. ސަރުކާރުން ހިޔާ ފްލެޓެއްގެ ކުއްޔަށް ނަގަނީ 7،500 ރުފިޔާއެވެ. މެއިންޓެނެންސަށް 1،000 ރުފިޔާ އޭގެ އިތުރުން ނަގައެވެ. ޖުމްލަ އަންނަ 8،500 ރުފިޔާ ކޮންމެ މަހަކު ދެއްކުމަކީ ބޮޑު ކަމެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ހިޔާ ފްލެޓްތަކަކީ ބޮޑު ލޯނެއް ނަގައިގެން ހަދާފައިވާ ތަނެއްކަމުން ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. އެކަމަކަށް ބަދަލެއް އަންނަތަނެއް ފެންނަން ނެތްއިރު، ހިޔާގައި ދިރިއުޅޭ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެކަމަށް އެބަ އޮތެވެ.
ކުއްޔާއެކު އެންމެ ހަރުއަޑުން ދެން އިވުނު ވާހަކައަކީ ގްރޭސް ޕީރިއަޑުގެ ވާހަކައެވެ. ނުނިންމާ ހަވާލުކުރި ފްލެޓްތަކުގެ ފިނިޝިންއަށް ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެންމެ ފުރަތަމަ ސަރުކާރުން ދިނީ ތިން މަސްދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް، ފްލެޓް ލިބުނު ފަރާތްތަކުގެ އެދުމަށް ސަރުކާރުން ވަނީ ގްރޭސް ޕީރިއަޑް އިތުރު ތިން މަހަށް ދަންމާލާފައެވެ. އެހެންކަމުން ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ދެން ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ އޭޕްރީލް މަހުން ފަށައިގެންނެވެ.
އެ ބިޔަ ބޮޑު މަޝްރޫއުން އެތައް މައްސަލަތަކެއް މަތިމައްޗަށް ފުނިޖެހިފައިވާއިރު، އެކަންކަން ހައްލުކުރަން ސަރުކާރަސް އޮތް ޕްރެޝަރު ވަރަށްވެސް ބޮޑެވެ. ނަމަވެސް، މާޒީގައި ކަންވީ ގޮތަށް ބަލާއިރު، ހުޅުމާލޭގެ ނެއިބާހުޑް ދޭއްގެ މިސާލަކަށް ނެގިދާނެއެވެ. ހުރިހާ ކަމެއް ހަމަޖެހުމުން، އެސަރަހައްދަކީ ދިރިއުޅެން އެކަށީގެންވާ އަގުހެޔޮ ދިރިއުޅުމެއް އުޅޭ، އުފާވެރި ސަރަހައްދަކަށް ކުރިޔަށް އޮތް ތަނުގައިވާނެ މަންޒަރު ފެނެއެވެ. ބެނުންވަނީ ވަގުތެވެ. އަދި ހިކުމަތްތެރި އަމަލީ މަސައްކަތެވެ.