ކޮވިޑް-19 އާއި އެކު ހުރިހާ ގައުމެއްގެހެން ބޯޑަރުތައް 2020 ވަނަ އަހަރު ބަންދުކުރިއިރު ބައެއް ގައުމުތަކުން އަހަރު ނިންމާލީވެސް އެގޮތުގައެވެ. އެހެންނަމަވެސް ރާއްޖޭގެ ވާހަކަ ތަފާތެވެ. ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިންނަށް ޚިދުމަތްދޭން ފެށިނަމަވެސް އިގްތިސާދު އޮތީ ބޮޑު އަނދަވަޅަކަށް ވެއްޓި ނުވެއްޓޭ ހާލުގައެވެ. އަނދަވަޅަށް ނުވެއްޓި އިގްތިސާދު ކުރިއަށް ޖައްސާލަން އެންމެ ބުރަ މަސައްކަތެއްކޮށް އެކަން ފަށައިގަތް ބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މީހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ބޯޑަރު ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަންވެސް ހިނގައިގަތެވެ. ރާއްޖޭގެ އެ ފެށުމަށް ބޮޑެތި ގައުމުތަކުން ތިބީ ހައިރާންކަމާއެކު ބަލާށެވެ. ނަތީޖާ ފޮންޏެވެ. އެ އަހަރު ރާއްޖެއިން ނިންމާލީ ފަސް ލައްކައަށްވުރެ ގިނަ ފަތުރުވެރިންނާއެކުއެވެ. ދެންހިފީ 2021 ވަނަ އަހަރެށެވެ. އެކި ފެއާތަކާ ޕްރޮމޯޝަނަލް އެކި ހަރަކާތްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުވެސް ދިޔައީ ބާރަށް ކުރިއަށެވެ. އެއަހަރު ނިންމާލީ ވެސް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެސްފައެވެ. ދެން އޮތީ މި ފެށުނު 2022ގެ އުންމީދުތަކެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ އުންމީދު
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ކަމަށްވާ، މިފެށުނު 2022 ވަނަ އަހަރަށް ކުރާ އެންމެ ބޮޑު އުންމީދަކީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް، ތިންވަނަ ފަހަރަށްވެސް ކާމިޔާބުރުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް 'ޖަޒީރާ' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ފަހުރުވެރިކަމާއެކުއެވެ.
މިނިސްޓަރު މައުސޫމް ދެއްވި އެ ޚާއްސަ އިންޓަވިއުގައި 2022 ވަނަ އަހަރުގެ ތަސައްވަރު ހާމަކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިންމިދިޔަ އަހަރު ނިންމާލީ ވަރަށް ގިނަ ކާމިޔާބީތަކާ އެކުގައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 48 އަހަރުވީ ފަހުން 2020 ވަނަ އަހަރު، އެންމެ ފުރަތަމަ ފަހަރަށް ރާއްޖެއަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން' އެވޯޑް ލިބުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޖެހިގެން އައި އަހަރުވެސް ރާއްޖެއަށް ދެވަނަ ފަހަރަށް އެ އެވޯޑް ލިބުނުކަން ފާހަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަހަރަށް ކުރާ އެންމެ ބޮޑު އުންމީދަކީ އެއެވޯޑް ތިންވަނަ ފަހަރަށްވެސް ކާމިޔާބުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އެވޯޑް ރާއްޖެއަށް ލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިންގެ މެހުމާންދާރީ ކަމަށެވެ. އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ލިބޭ އުފާވެރިކަން ކަމަށެވެ.
ފަތުރުވެރިކަން 2022 އަށް އޮތް އެންމެ ބޮޑު ޗެލެންޖް
ކާމިޔާބު އަހަރަކަށް ފަހު ދެން އަންނަ ޗެލެންޖަކީ އާންމުންގެ އުންމީދުތައްކަން ފާހަގަކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ އެމި ނިމުނު އަހަރަށްވުރެ މިއަހަރުގެ ކާމިޔާބީތައް އިތުރުކުރުމަށް އެންމެންވެސް އުންމީދުކުރާތީ އެއީ ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
އެހެންކަމުން މި ފެށުނު އަހަރުގެ އުންމީދަކީ އިތުރު ކާމިޔާބީތައް ހޯދާ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް އެދާއިރާއިން ލިބޭ އާމްދަނީއާ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ޖުމްލަ ގޮތެއްގައި ފަތުރުވެރިކަމަށް އުފާވެރިކަން ލިބުން ކަމަށެވެ. މި ފެށުނު 2022 ވަނަ އަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށް މީގެކުރިން މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން 2019 ވަނަ އަހަރު ޒިޔާރާތްކުރި ނަމަވެސް، ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން 2020 ވަނަ އަހަރު ސުމަކަށްހެން ވެއްޓުނުކަން ޒިޔާރަތްކުރި ފަސް ލައްކަ ފަތުރުވެރިންގެ އަދަދުން އެނގެއެވެ. އެހެންނަމަވެސް ސިނާއަތުގެ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިވަނީ 1،312،706 (އެއް މިލިއަން ތިން ލައްކަ ބާރަ ހާސް ހަތްސަތޭކަ ހައެއް) އަށް އަރާފައެވެ. ކުރިޔަށްވެސް ދެން މިއޮތީ އެހާމެ އުންމީދީ ވަރުގަދަ އަހަރެކެވެ. ފަތުރުވެރިކަމުގެ ރަން އަހަރެވެ.