"އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވާކަމަށް ނިންމުމުގައި ހެކި ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައެޅުމަށް އަހުރެންނަށް ފެނޭ. ވުމާއެކު މި މައްސަލައިގައި ކުރިމިނަލް ކޯޓާ ހައި ކޯޓުން ކޮށްފަވާ ހުކުމް ބާތިލުކުރަން ޖެހޭނެކަމުގަ ދެކެން،"
އަހަރުގެ ބޮޑު ޝަރީއަތުގެ ގޮތުގައި ސިފަވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގއ. ވޮޑަމުއްލާގެ އެކުއިޒިޝަން ފައިސާ ލޯންޑާކުރިކަމުގެ ކުށް ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފް މަރުހަލާގައި ސުޕްރީމް ކޯޓުން ނިންމީ އެމަނިކުފާނު މިނިވަން ކުރާށެވެ. ނޮވެމްބަރު 30 ވަނަ ދުވަހު އޮތް އެ މައްސަލައިގެ އިސްތިއުނާފުގައި 131 ގަނޑުގެ އެ ހުކުމް އިއްވަމުން ރާއްޖޭގެ އެންމެ މަތީ ކޯޓުން ދިނީ ޔާމީންގެ މައްސަލައާ ގުޅިގެން ގާނޫނީ އަދި ޝަރުއީ މުހިންމު ފިލާވަޅެކެވެ.
ތިން ގަޑިއިރަށް ދިގުދެމިގެންދިޔަ ހުކުމް އިއްވުމުގެ އަޑުއެހުމުގައި ޔާމީން އިންނެވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ ތިން ބޭފުޅުންނާ އެކުގައެވެ. މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހުކުމް އިއްވަމުންގެންދެވިއިރުވެސް ޔާމީންގެ މޫނުމަތިން އެއްވެސްކަހަލަ އިހުސާސެއް ޝުއޫރެއް ފެންނަން ނެތްކަން ހަދާނުގައި ހުރެއެވެ. މައްސަލައިގައި ދިފާއުން ފާހަގަކުރި 22 އިޖުރާއީ ނުކުތާވެސް ނިމިގެން ދިޔައީ ޔާމީނާ ދެކޮޅަށްކަން ފާހަގަކުރެވެއެވެ. އެއީ އެކަމަށް ގާނޫނީ ބާރުދޭ އެއްވެސް ކަމެއް ދިފާއުން ހުށަހަޅާފައި ނުވާތީއެވެ. ނަމަވެސް މުޅި މައްސަލައިގެ ހުކުމް، ޔާމީނާ އެއްކޮޅަށް ނިމިގެން ދިޔައީ މަދު ސަބަބުތަކަކާ ހުރެއެވެ.
އެ ސަބަބުތަކުގެ ތެރޭގައި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ހައިރާންކަން ގެނުވި ސަބަބުތަކާއި، އަދަދުތަކެއްގައި ހުރި އޮޅުންތަކެއްގެ މައްސަލަތަކާއި ޔާމީނާ ދެކޮޅަށް ހެކިބަސްދިން އެމަނިކުފާނުގެ އެއް އިރެއްގެ އެންމެ ގާތް ސިޔާސީ ބޭފުޅުންގެ ހެކިބަހާއި ގުޅޭ ނުކުތާތަކެއްވެސް ހުއްޓެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ދެ ކަމެއްގެ މައްޗަށް ބިނާވިއިރު އެއީ މަނީ ލޯންޑަރިންގެ ކުށާ ގުޅިފައިވާ ކުށް ހިނގިކަން އެނގޭ އެކަށީގެންވާ ސަބަބުތަކެއް ނެތުމާއި، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ސުވާލު އުފެދޭ އުފެދުމުގެ މައްޗަށެވެ.
އެ މައްސަލައިގައި ދަށު ކޯޓުން ޔާމީންގެ މައްޗަށް އަދަބު ކަނޑައަޅާފައި އޮތް ގޮތާއި ދޭތެރޭ ދިފާއުން ހުށަހެޅި ނުކުތާތަކަށް ސުޕްރީމް ކޯޓުން ތާއިދުކުރިކަންވެސް ފާހަގަކުރެވެއެވެ. ދަށު ކޯޓުން ކަނޑައެޅީ ޔާމީނަށް ކުށް ސާބިތުވުމުން އަންނަ ޖަލު ހުކުމުގެ އެންމެ މަދު އަދަދެއް ކަނޑައަޅައި ޖޫރިމަނާގެ އެންމެ ބޮޑު އަދަދެއް ދެއްކުމަށް ހުކުމްކުރާށެވެ. ނަމަވެސް އެއީ ހަމަހަމަކަމުގެ އުސޫލުން ބޭރުން ކުރި ހުކުމެއްކަން ސުޕްރީމް ކޯޓުން ޔާމީންގެ ދިފާއީ ވަކީލުންނާ އެއްބަސްވިއެވެ.
ނަމަވެސް ހުކުމް ޔާމީނާ އެއްކޮޅަށް ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ހެކި ވަޒަން ކުރި ގޮތާއި ކުށް ސާބިތުކުރި ގޮތުގެ މައްޗަށް ބިނާކޮށެވެ. މައްސަލައިގައި ޔާމީނާ ދެކޮޅަށް ބޭނުންކުރި މައިގަނޑު ދެ ހެއްކަކީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހެވެ.
"އަހުމަދު އަދީބު އަބްދުލް ގަފޫރާއި އަބްދުﷲ ޒިޔާތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރު ލިބޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއް ކަމުގައި އަހުރެން ނުދެކެން،"
އެހެކިބަހަށް ބުރަދޭ އެއްވެސް އެހެން ހެކިތަކެއް ދަށު ކޯޓުތަކުން ފާހަގަކޮށްފައިނުވާކަން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވިއެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަންނަން ނިންމީ އެދެމީހުންނަކީވެސް ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކިކޮށް އަދަބު ދިން ދެމީހުންކަމަށްވާތީއެވެ. ފާސިގުންގެ ގޮތުގައި ސިފަކުރާ އެދެމީހުންގެވެސް އިތުރު ނިޔަތެއް ރުޅިވެރިކަމުން ޔާމީނާ ދެކޮޅަށް އޮވެދާނެތީވެ، އެއީ ހެކިބަހުގެ ރައްކާތެރިކަން ގެއްލިގެންދިޔުމުގެ ފުރުސަތު އޮތްކަމެއްކަން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވިއެވެ.
އަނެއްކަމަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނާއި އެއްގޮތަށް ޔާމީން ބޭނުންކުރިކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ ފައިސާއަކީ ދައުލަތުން އެ ތުހުމަތުކުރާ ގޮތަށް އެގާނޫނުގައި ބުނާ ކުށަކާ ގުޅުން ހުރި ފައިސާއެއްކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހެކީގެ މައްޗަށް ބިނާކޮށްގެން ދައުލަތަށް ދެއްކެން ނެތުމެވެ.
ދައުލަތުން ހުށަހެޅި ނުސީދާ ހެކިތަކަކީ އެބުނާ އެކަށީގެންވާ ސަބަބަށް ބާރުދޭ ހެކިތަކެއްކަމަށް ސުޕްރީމް ކޯޓުން ނުދެކުނެވެ. އަދި އެމައްސަލައިގައި ޔާމީންގެ އެކައުންޓަށް ވަންކަމަށް ބުނާ އެއް މިލިއަން ޑޮލަރަކި ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓުކަންވެސް ދައުލަތަށް ސާބިތުނުކޮށްދެވޭކަމަށް އެކޯޓުގެ ހުކުމުން އެނގެއެވެ.
"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވި ފައިސާ ފައިސާއެއްކަން ޔަގީނެއް ނޫން. އެ ފައިސާ ޖަމާވެފައި ވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކުން. މި މައްސަލައިގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތަކަށް ކޮށްފައިވާ ކަމަށް ނުބެލެވޭ،"
ސުޕްރީމް ކޯޓުގެ އެހުކުމަކީ ދިރާސީ ނަޒަރަކުން ރަނގަޅަށް ކޮށްފަ އޮތް ގާނޫނީ ފިލާވަޅެކޭ ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ބުނާ ސަބަބަކީ ހައި ކޯޓާ ހަމައިންވެސް ފާހަގަނުވެފަ އޮތް ނުކުތާއެއް ސުޕްރީމް ކޯޓުން ފާހަގަކުރި ކުރުމެވެ. އެއީ އެމައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކު ނަންބަރާއި އެމްއެމްޕީއާރުސީއަށް ވޮޑަމުއްލާގެ އެކުއިޒިޝަން ފައިސާ ހަމަޖައްސަމުންދިޔަ ޔުނައިޓެޑް އިންޓަނޭޝަނަލްއިން ފައިސާ ހަމަޖެއްސިކަމަށް ބުނާ ޑެޕޮޒިޓް ސްލިޕުގައި އޮތް ޗެކް ނަންބަރު ދިމާނުވާ ނުވުމެވެ.
ޝަރީއަތް ބެލި ގިނަ ބަޔަކަށް އަދަދެއްގެ ތަފާތުން ރައިސް ޔާމީން ސަލާމަތްވިކަމަށް ދޭހަވާ ދޭހަވުމަކީ މިއެވެ. ނަމަވެސް ހަގީގަތަކީ އެ އަދަދު ދިމާނުވުމުގެ ސަބަބުން އެސްއޯއެފް ކުންފުންޏަށް އެ ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާކަމާމެދު ޝައްކު އުފެދުނުކަމެވެ. އެއީ ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަން އެންމެ ފުރަތަމަ މެދުވެރިވި ސަބަބެވެ. ޔުނައިޓެޑް އިންޓަނޭޝަނަލުން އެމްއެމްޕީއާރުސީއަށް ދޭން ޖެހޭ އެކުއިޒިޝަން ކޮސްޓުގެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާވުމަށްފަހު އެ ފައިސާ ޔާމީންގެ އެކައުންޓަށް ވަނުން އެއީ ދައުލަތުގެ މައިގަނޑު ތުހުމަތެވެ.
ފަނޑިޔާރު މަހާޒް ހުކުމް އިއްވަމުން ފާހަގަކުރެއްވި އެންމެ ވަރުގަދަ ނުކުތާއަކީ އެސްއޯއެފްގެ މައްޗަށް ތަހުގީގެއް ނުހިންގި، ދައުލަތުން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންމުމެވެ.
"އަހުރެން ހައިރާންވީ، އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުން,"
މަނީ ލޯންޑަރިންއަށް ބޭނުންކުރި ވަރުގަދަ އާލާތް ތަހުގީގުނުކުރީތީވެ ސުޕްރީމް ކޯޓުގެ ހައިރާންކަން އޮތް އިރު ފާހަގަކުރެވޭ ކަމަކީ ދައުލަތުން އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާނުކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަސްތެރޭގަކަމެވެ. އެއީ ޔާމީންގެ މައްޗަށް ހިންގާ މައްސަލައިގައެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އެ ކުންފުންޏަށް ދައުވާކުރުމާމެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ. ޕީޖީ އޮފީހުން ވަނީ އެސްއޯއެފްގެ މައްޗަށް ދައުވާކުރެވޭވަރަށް ހެކި އެބަހުރިކަމަށް މީގެ ކުރިން ބުނެފައެވެ.
ނަމަވެސް ކޯޓުން ފާހަގަކުރި އެއް ކަމަކީ ޔާމީންގެ އެކައުންޓަށް ވައިން ފައިސާ އެމަނިކުފާނު މަންފާ ހޯދިގޮތް ގޯސްކަމެވެ. ތަހުގީގީ އިދާރާއަކުން އެމަނިކުފާނުގެ ސަމާލުކަމަށް އެ ފައިސާގެ ޝައްކުކަން ގެނެސްފައިވާހިނދު ޔާމީން އަމަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކޮށްގެންވާނޭ ގޮތަށް ނޫންކަމަށް ފަނޑިޔާރު މަހާޒް ފާހަގަކުރެއްވިއެވެ. އަދި އެފައިސާގެ އަސްލު ހޯދުމަށް ދައުލަތަށް އަދިވެސް މަސައްކަތްކުރެވޭނެކަމަށާއި ނަމަވެސް އެމަސައްކަތުގައި ޔާމީންގެ ހައްގަކަށް އުނިކަމެއް އައިސްގެން ނުވާނެކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
އެނގޭ ކަމަކީ އެ ހުކުމުން ޔާމީން ސަލާމަތްވީ ޝައްކުތަކެއްގެ މަތީގައިކަމެވެ. ފުރިހަމައަށް ސާބިތުނުވެ އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުންކަމެވެ. އަހަރުގެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ޝަރީއަތްކަމާމެދު ސުވާލެއް ނެތްގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަހަށްވެސް ބޮޑެތި ބަދަލުތަކެއް އެ ޝަރީއަތުން ގެނައިކަމާމެދު ސުވާލެއް ނެތެވެ. ނަމަވެސް ޔާމީން 732 ދުވަސްފަހުން ސުޕްރީމް ކޯޓުގެ ވަރުގަދަ ފިލާވަޅަކާއެކު އެ މިނިވަންވީ ހަމަ ކިރިޔާކަން ފަނޑިޔާރު މަހާޒް ހުކުމް އިއްވުމުގެ ނިމުމަކާ ހިސާބުން ވިދާޅުވި އިބާރާތުން ދޭހަވިއެވެ.
"އަދި އަބްދުﷲ ޔާމީން އަބްދުއްގައްޔޫމާ ދެކޮޅަށް ހެކިބަސްދިން ޝަފަހީ ދެ ހެކިންނަކީ އެމީހުންގެ ހެކިބަހަށް ބުރަދަނެއް ދިނުމަށްޓަކައި އިތުރު ހެކިން ބޭނުންވާ ދެމީހުންކަމުގަވާއިރު އެފަދަ ހެކިތަކެއް މިމައްސަލައިގަ ހުށަހެޅިފައެއް ނުވޭ. މީގެ އިތުރުން އެކައުންޓަށް ޖަމާވި ފައިސާގެ ހަގީގަތް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމަށް އެނގޭނެ ހެކިތަކެއް ޝަރީއަތަށް ހުށަހެޅިފަ ހުރިނަމަ، ނުވަތަ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ބޭންކުތަކުން އަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ބޭންކުތަކުން އަމަލުކޮށްފަވާ އިޖުރާއަތުގެ ތެރެއިން މާލީ އިދާރާތަކުގައި ރެކޯޑުކުރެވިފައި ހުންނާނޭކަމަށް ބެލެވޭ މިބުނެވުނު ޒާތުގެ ހެކި އަބްދުﷲ ޔާމީން އަބްދުއްގައްޔޫމާ ދެކޮޅަށް ހުށަހެޅިފަވީނަމަ އަހުރެންގެ މި ރައުޔު ތަފާތުވީސް،"
އެމައްސަލައިން ޔާމީން މިނިވަންވިނަމަވެސް އަދިވެސް ރ. ފުއްގިރި އަދި ވ. އާރަށުގެ މައްސަލައާއި ރައީސް ޔާމީން ކުރިމަތިލައްވަން އެބަޖެހެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ އެ ނިންމުމުން އެ މައްސަލަތަކަށްވެސް ބޮޑެތި އަސަރުތަކެއް އެބަ ކުރެއެވެ. އެގޮތުން ޒިޔަތު އަދި އަދީބުގެ ހެކިބަސް ބޭނުންކުރުމުގައި ހުރި ހުރަސްތައް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު ދެން ފާހަގަކުރެވޭ އަނެއްކަމަކީ ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި އެއްވެސް މީހަކު މިވަގުތު ޖަލުގައި ނެތް ކަމެވެ.