ޖޫން 22، 2021 އެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ރަހުމުކުޑަ ބިރުވެރި އެއް ޖަރީމާއަށް އަލި ވިލުނު ދުވަހެވެ. ކޮވިޑުގެ ވަބާއިން ސަލާމަތްވުމަށް ކާފިއު އަޅާފައި އޮތް ދުވަސްވަރެއްގައި އަނިޔާވެރިކޮށް ކުޑަކުއްޖެއްގެ މަރާލާފައި އޮތް ހަށިގަނޑު، ހުޅުމާލޭގެ އަލަށް މީހުން އާބާދުވާން ފެށި ފޭސް ދޭކުން ފޮއްޓަކަށް ލާފައި އޮއްވާ ފެނުނީ އެ ސަރަހައްދުގެ އިރު އުތުރު މޫދުގެ ފަޅު ތެރެއިންނެވެ. އެހާދިސާގެ ވާހަކަ އިވުނު ކޮންމެ މީހެއްގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ގެނުވިއެވެ. އިންސާނިއްޔަތުގެ ކަންފުޅެއް ހުރި ބަޔަކަށް ކުރަން ކެރޭނެކަމެއްތޯ އާންމުން ސުވާލުކުރަން ފެށިއެވެ.
މި އަހަރުގެ އެންމެ ހިތާމަވެރި އަދި ބިރުވެރި ހާދިސާގެ ގޮތުގައި ފާހަގަވާ އެ ހާދިސާގައި އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައީ ހަށިގަނޑު ފެނުމުގެ ދެ ދުވަސް ކުރިންނެވެ. އެދުވަހު ރިޕޯޓްކުރީ މާލެއިން 13 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ވާހަކަތަކެއްކަމުން އެވަގުތު އެފަދަ ނުލަފާ ޖަރީމާއެއްގެ ހިނގައިގެން އުޅޭކަމުގެ ހިލަމެއް ނުވަތަ ހީއެއް ވެސް ނެތެވެ. ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށް ލައިގެން ހުޅުމާލެއަށް ގެންދިޔައީ ކާފިއު ވަގުތުގައި ކާރެއްގައިކަމުން އެކަން އެއްވެސް ބައެއްގެ ސަމާލުކަމަށް ނައީއެވެ.
ހައްޔަރުކުރީ، ބަންދުގައި ހުންނަންޖެހޭ މުޖުރިމެއް!
ދެން އިވުނީ އިންސާފަށް ގޮވަން ފެށި އަޑުތަކެވެ. އާންމުން ސޯޝަލް މީޑިއާގައި ގޮވާލަން ފެށީ އެކަން ކުރި ބަޔަކު ހޯދައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭށެވެ. އިތުރު ސުވާލެއް ގޮތެއް ނެތެވެ.
އެ ގޮވާލުންތަކަށް މާކަ ގިނަ ދުވަހެއް ނުވަނީސް ދެ މީހަކު، މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބާ ހައްޔަރު ކުރި މަންޒަރު ފެނިގެން ދިޔައެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން އެވެ. އެމީހުން ހައްޔަރުކުރީ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ކުޑަކުއްޖާގެ ހަށިގަނޑު ފެނުނުތާ 24 ގަޑިއިރު ތެރޭގައެވެ.
ފުލުހުން ހައްޔަރުކުރި ޒިހާންއާ ބެހޭ މައުލޫމާތުތައްވެސް ފެތުރެން ފެށީ އެހާހިސާބުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިހާން އަކީ މީހަކަށް ނުރައްކާތެރި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދުގައި ހުރި މީހެކެވެ. މާލޭގެ ނަން މަޝްހޫރު ގުރޫޕަކަށް ނިސްބަތްވާ މީހެއްކަމުގެ ތުހުމަތުތަކެއްވެސް ކުރެވެއެވެ. އަދި ކުށްކުރުމުގެ ވަރުގަދަ ރެކޯޑެއް އޮތް މީހެއްކަމަށްވެސް އަޑު ފެތުރުނެވެ.
އެއާއެކު ކުޑަކުއްޖާއަށް ޒިހާންއާއި އޭނާގެ ބައިވެރިން ކުރި އަނިޔާތަކުގެ ވާހަކަތަކެއްވެސް ހަލުވިކަމާއެކު ފެތުރިގަތެވެ. ޖިންސީ ގޯނާއާއި، ނޭވާ ހާސްކޮށްލުން ފަދަ އާދައިގެ އިންސާނެއްގެ ހިތަށް ކެތްނުވާފަދަ އަނިޔާގެ ވާހަކަތަކެކެވެ.
އެވާހަކަތާއެކު އަނެއްކާވެސް އައީ އިތުރު ސުވާލުތަކެކެވެ. އެވަރުގެ މުޖުރިމަކު ޖަލުގެ ތޭރިތަކުން ބޭރުގައި އެހުރީ ކިހިނެތްތޯ؟
އެސުވާލުގެ ޖަވާބަކީ ޒިހާނަކީ ކުޑަކުއްޖާގެ މަރާއި ގުޅިގެން އޭނާ ހައްޔަރުކުރިއިރުވެސް ބަންދުގައި ހުންނަން ޖެހޭ މީހެއްކަމެވެ.
ޒިހާން އެންމެ ފުރަތަމަ ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައެވެ. ބަންދުގައި ހުއްޓާ 2017 ވަނަ އަހަރުގެ ފަހުކޮޅު ދެން އޭނާގެ މައްޗަށް އައީ ޑްރަގް ކޯޓުގެ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އޭނާ ތަންފީޒުކޮށް ނިންމީ މި އަހަރުގެ ކުރީކޮޅުއެވެ.
ހުކުމަށްފަހު އޭނާ އަނެއްކާވެސް ތަންފީޒުކުރަން ފެށީ ކުރިން އައި ކްރިމިނަލް ކޯޓުގައި އޮތް މާރާމާރީގެ މައްސަލައިގެ ގޭބަންދު އަމުރެވެ. މަރުގެ މައްސަލައިގައި އޭނާ ހައްޔަރުކުރީ އޭނާ ގޭބަންދުގެ އަމުރުގައި ހުއްޓައެވެ.
ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ހުކުމެއް
ޒިހާންގެ މައްޗަށް ދައުވާ އުފުލީ އޯގަސްޓު މަސް ތެރޭގައެވެ. ދައުލަތުން އެ މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެމައްސަލައާ ގުޅިގެން ތަފްސީލު ހާމަކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއިރު، އެ ބައްދަލުވުމުގައި ޕީޖީއަށްވެސް އެވާހަކަތައް ދައްކަވަން އުނދަގޫވެވަޑައިގަތް މަންޒަރު ސާފުކޮށް ފެނުނެވެ.
އެ ބައްދަލުވުމުން ޕީޖީގެ އެންމެ ފާހަގަކޮށްލެވޭ ބަސްތަކަކީ ކުއްޖާގެ މަރަކީ ވަރަށް "އެހެންކަހަލަ" ގޮތަކަށް ހިނގާފައިވާ މައްސަލައެއްކަމަށް ޕީޖީ ވިދާޅުވި ވިދާޅުވުމެވެ. އަދި އެ ބަޔާންތައް ބެއްލެވުމަށްފަހު ފޮޓޯތައް ބައްލަވަން ބޭނުންވެވަޑައިނުގަތްކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
"އިހުސާސް ކުރެވޭ މި މައްސަލާގައި މަސައްކަތް ކުރެއްވި ފުލުހުންގެ އިވެސްޓިގޭޓަރުންނާއި މިއޮފީހުގެ ބޭފުޅުންނަށް މީގެން ކޮށްފައި ހުންނާނެ ކަހަލަ އަސަރު. މީގެ ފޮޓޯތަކެއް އަޅުގަނޑު ނުބަލަން. ފޮޓޯތައް ނުބެލި ސަބަބަކީ ބަޔާންތައް ކިޔާފައި ވީ އުދަނގޫތަކާއި ހެދި އަޅުގަނޑަށް މިތާގައި މިވާހަކަ ދައްކާކަށް ނުމެ އިނދެވޭނެ،"
ގަސްތު މަރުގެ ދައުވާ ހިމެނޭހެން ދައުލަތުން ވަނީ ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާ އުފުލާފައެވެ.
އެއީ:
- ގަސްތުގައި މީހަކު މެރުމުގެ ދައުވާ
- ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ފަސް ދައުވާ
- މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުމުގެ ދައުވާ
- ގްރޫމްކުރުމުގެ ދައުވާ
- މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ
- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ދައުވާ
- ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް
މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ މައްސަލައިގެ ޝަރީއަތްތައް އާންމުންނަށް ސިއްރުކޮށް ކުރިއަށް ގެންދާއިރު ޒިހާން މިވަގުތުވެސް ހުރީ ބަންދުގައެވެ. އޭނާއާއެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ހުރީ ގޭ ބަންދުގައެވެ.
ހައްޔަރުކުރި ޒިހާންއާއި 17 އަހަރުގެ ކުއްޖާވެސް މުޖުތަމައުން އެކަހެރިކޮށްފައިވަނިކޮށް، ދެން އިވުނީ މަރާލި ކުޑަކުއްޖާގެ ގާތް އެކުވެރިއެއް އަނެއްކާވެސް ގެއްލިގެން ހޯދަމުންދިޔަ ވާހަކަތަކެވެ.
އެ ކުއްޖާގެ އާއިލާއިން ބުނަނީ "ކިޑްނެޕް" ކުރީ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ޒިހާންގެ ގުރޫޕު ކަމަށާއި، ބޭނުމަކީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށެވެ. އެއީ މަރާލި ކުއްޖާ އެކި ވާހަކަތައް އޭނާގެ އެކުވެރިޔާއަށް ކިޔައިދީފައި ހުރުމުންނެވެ.
ނަމަވެސް، އެ ކުއްޖާ އަމިއްލައަށް ސަލާމަތްވެގެން ގެއަށް އައިކަމަށް އާއިލާއިން އޭގެ ގަޑިއިރުތަކެއްފަހުން ބުނިއެވެ. އެމައްސަލައިގައި ފަހުން ފުލުހުން އިތުރު ކަމެއް ކޮށްފައިނުވާކަންވެސް އެނގެން އެބައޮތެވެ. އެކަމަކު އަދިވެސް ބިރު އެބަ އޮތެވެ. އަހަރުގެ އެންމެ ބިރުވެރި ޖަރީމާގެ މައްސަލަ މިހާރު ކޯޓުގައި އޮތްއިރު، އާންމުން ތިބީ އެ ހާދިސާއިން ފިލާވަޅު ނަގައިގެންނެވެ. އަދި މައްސަލަ ދާ ގޮތަށް ފާރަވެރިވެގެންވެސްމެއެވެ. ހައްގު އަދަބަށް އެދި އެދިއެވެ.