ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

މިއަހަރު ރާއްޖެއިން ފެށީ ކޮވިޑުގެ ވަބާއިން މިންޖުވާން އުޅޭކަމުގެ ފޮނި އިޝާރާތްތަކަކާއެކުގައެވެ. ކޮވިޑު ފެނިގެން 2020 ވަނަ އަހަރުގެ ބޮޑު ބައި ލޮކްޑައުންއެއްގައި އޮވެގެން ނިންމާލިއިރު ރާއްޖެއިން އޭރު ޕޮޒިޓިވްވި އަދަދަކީ 13،600 އެވެ. ބަލީގައި މަރުވީ 48 މީހެކެވެ.

އެއީ ކޮވިޑުގެ ނިމުން ކަމަށް އިހުސާސްވީ ބައްޔަށް ވެކްސިނެއް އުފައްދަން އެކި ގައުމުތަކުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވާން ފެށުމާއެކުގައެވެ. އެހެން ގައުމެކޭ އެއްގޮތަށް ދިވެހިންވެސް ތިބީ ވެކްސިނަށް އިންތިޒާރުގައެވެ. އަދަދުތައް ދަށްވަމުންދިޔުމާއެކު ވެކްސިން ލިބުމުން ބަލި މުޅިންހެން ނެތި ހިނގައިދާނެކަމަށް ޔަގީންކޮށްގެންނެވެ.

ނަމަވެސް ކަންކަން ދިޔައީ މުޅިއަކުން އެހެނެއް ނޫނެވެ. ވެކްސިން ލިބުނުނަމަވެސް، އެކި ގައުމުތަކުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވާން ފެށިއެވެ. އޭރު ފަތުރުވެރިކަމަށް ހުޅުވާލާފައި އޮތް މަންޒިލްތައް އަތުން ގުނާލެވޭހާ މަދެވެ. އެގޮތުން ގިނަ ދިވެހިންގެ އަމާޒުހުރީ އެފަދަ އެއް މަންޒިލްކަމުގައިވާ ދުބާއީއަށެވެ. އެކަމަކު އެއީ ކޮވިޑްގެ ހާލަތު ބޮއްސުންލައިގެން ދިއުމުގެ ފެށުމެވެ. ކޮވިޑުގެ ކުރީގެ ހޭލަމޭލަ އާންމު ދިރިއުޅުމަށް އަނބުރާ ދިޔުމުގެ ނަތީޖާއެވެ.

ކޭސްތައް މަދުވާން ފެށުމާއެކު ގައުމުތަކުން ދޫދޭން ފެށީއެވެ. ކޮވިޑުގެ ނިމުން ކަމަށް ހީކޮށް ރާއްޖެއިން ވެސް ކަންކުރީ އެގޮތަށެވެ. ސަރުކާރުން ވެސް މާބޮޑަށް ދޫކޮށްލީއެވެ. އާންމުން ވެސް ކަން ފަސޭހަކޮށްލީއެވެ. މާސްކު އެޅުމާއި ގައިދުރުކަމާ ދުރުވީއެވެ. ކުރީގެ ހޭލަމޭލަ ދިރިއުޅުމަށް އަނބުރާ ދިޔައިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްކޮށް ދުރުވީއެވެ.

އޭރު ސިންގަޕޫރުން އެސްޓްރާޒެނެކާ ވެކްސިން ގަންނަން ރާއްޖެއިން އޮތީ އޯޑަރު ކޮށްފައެވެ. ކޮންމެއަކަސް ވެކްސިން ޖަހަން ފެށުމުގެ ކުރިން ކަން ފަސޭހަކޮށްލުމުގެ ނަތީޖާ ފެނުނީ ވަރަށް ވެސް ހިތިކޮށެވެ.

ފެންނަން ފެށީ އާ އަހަރާއެކު ރިޕޯޓް ކުރަމުން ދިޔަ ކޭސްތަކުގެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަތަނެވެ. އޯޑަރުކުރި އެސްޓްރާޒެނެކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ނުލިބެނީސް، އަވަށްޓެރި އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒްތައް ރާއްޖެއަށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ލިބުމާއެކު، ރާއްޖެއިން ދެން އަވަސްވެގަތީ އިތުރުވަމުންދިޔަ ކޭސްތައް މަތަކުރާށެވެ. އެކަމުގެ ނަތީޖާވެސް ފެނުނެވެ. އެކަމަކު އެކަންވީ ކޮޅިގަނޑުގެ ކުރިން ކަނޑުތައް ހަމަޖެހިލާ ބީދާއިން ވި ކަމަކަށެެވެ.

މާޗުމަހުގެ ފަހުކޮޅަށް ދިޔައިރު ރާއްޖެއާ އެންމެ ގާތުގައި އޮތް އިންޑިއާއިން ކޮވިޑްގެ އާ ވޭރިއަންޓެއްކަމުގައިވާ ޑެލްޓާ ފެނުމާއެކު އަނެއްކާވެސް ކަންބޮޑުވުންތައް އެ ވޭރިއެންޓްގެ ވަރުގަދަކަމާއި ފެތުރޭ ހަލުވިކަމާހެދި އިތުރުވާން ފެށިއެވެ. އިންޑިއާގައި އެ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެން ފެށުމުގެ ނަތީޖާއަކަށްވީ އެ ގައުމުން އުފައްދަމުން ދިޔަ ކޮވިޝިލްޑް ވެކްސިން އުފައްދަން ދަތިތަކާއި ކުރިމަތިވުމެވެ. އޭގެ އަސަރު ރާއްޖެއަށްވެސް ފޯރިއެވެ.

ފާއިތުވި 2021 ވަނަ އަހަރު ތެރޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔައީ މެއި މަހުއެވެ. މޭ މަހު އެކަނި 34،561 މީހުން ޕޮޒިޓިވްވިއިރު 88 މީހަކު ކޮވިޑް ބަލީގައި މަރުވިއެވެ. އަޅާކިޔާނަމަ، މުޅި 2020 ވަނަ އަހަރު ޕޮޒިޓިވްވީ 13،000 އެއްހާ މީހުންކަމާއި މަރުވީ 48 މީހުންކަން ހަދާންކޮށްލެވިދާނެއެވެ.

ދުވާލަކަށް 10 މަރު ރިޕޯޓް ކުރި ދުވަސްތައް ވެސް ދިޔައިރު ސިއްހީ ދާއިރާއަށް ނުކަތާވަރަށް ބާރުބޮޑުވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ނުލިބިދިޔަ އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވި ހާދިސާގެ ހިތާމައާއި މުޅި ގައުމު ކުރިމަތިލިއެވެ.

ކޮވިޑުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ނޫސް ބަލާލާ ނުަތަ ސޯޝަލް މީޑިއާއަށް ވަދެލާ ކޮންމެ ފަހަރަކު މީހެއްގެ މަރުގެ ޚަބަރު ފެންނާތީ އޭގެ އަސަރު ގިނަ ބަޔަކަށް ކުރިއެވެ. ހީވެސް ނުކުރާހާ ބޮޑަށް ނަފްސާނީ އުނދަގޫތައް ތަހަންމަލު ކުރަން ޖެހުނެވެ.

މޭ މަހު ގޯސްވި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށީ ހާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއި ކުޑަވަރެއްގެ ލޮކްޑައުންއާއެކުއެވެ. އެކަމަކު އޭގެ ކުރީ އަހަރު އުޅުނު ދަތިހާލުން އަރައިގަނެ، ވިޔަފާރިތައް ހިނގަން ފެށުމާއެކު އަނެއްކާ ބަންދަކަށް ދާން ޖެހުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމަކަށް ނުވިއެވެ.

ޑެލްޓާއާހެދި ކަންކަންދިމާކުރިގޮތުން ކޮވިޑްގެ ހާލަތު ގޯސްވެގެން ދިޔައިރު، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ލައްކައަކަށްވުރެ ގިނަ މީހުން ތިބީ ދެވަނަ ޑޯޒް ޖަހަންވެފައެވެ. އެކަމަކު އޭރު ރާއްޖެއަށް ލިބުނު ވެކްސިން ހުރީ ހުސްވެފައެވެ. އިންޑިއާއިން ވެކްސިން ލިބޭނެ ކަމުގެ އުއްމީދުގައި، ވެކްސިން އެބަ ހުރި ކަމަށާއި، ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ބުނަމުން ދިޔައެވެ.

ސްޓޮކް ދަށްވަމުން ދިޔަ ވަރަކަށް ނޫސްވެރިންގެ ސުވާލު ވެސް އޭރު އެކަމަށް އަމާޒުވަމުން ދިޔައެވެ. އާންމުން ދިޔައީ ވެކްސިން ޖަހަން ދިގު ކިއުތައް ހަދަމުންނެވެ. ކިއު ހަދަން ފެށީ އަސުރު ނަމާދަށްފަހުއެވެ. ރޯދަ ވީއްލަން ކަދުރުކޮޅަކާއި ފެން ފުޅިއެއް ހިފައިގެން އުމުރުން ދުވަސްވީ މީހުން ވެސް އެ ކިއުތަކުގައި ތިއްބެވެ.

އެހެންނަމަވެސް ކޮވިޝީލްޑް ވެކްސިން އުފެއްދުމުގައި ދިމާވި ދަތިތަކާހެދި އެ ވެކްސިން އިންޑިއާއިން އެކްސްޕޯޓް ކުރުން ހުއްޓާލުމުން ދެން ރާއްޖެއަށް ޖެހުނީ އިތުރު ގޮތެއް ހޯދާށެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް ވެކްސިން ޖަހަން ސަރުކާރުން އިތުރު ގޮތްތައް ހޯދަން ފެށީ ދެނެވެ. ކުރިން އޯޑަރުކުރި އެސްޓްރާޒެނެކާ ވެކްސިން އަވަހަށް ގެނެވޭތޯއާއި، ރަޝިޔާއިން އުފައްދާ ސްޕުޓްނިކް ވެކްސިން ވެސް ލިބޭތޯ ސަރުކާރުން މަސައްކަތް ފެށިއެވެ.

އެސްޓްރާޒެނެކާ ވެކްސިނަށް ދިގު އިންތިޒާރެއް ކުރަން ޖެހުނުނަމަވެސް ވެކްސިން ލިބުމާއެކު ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވެ، "ހާޑް އިމިއުނިޓީ"އާ ދިމާލަށް ރާއްޖެއިން ކުރަމުން ދިޔަ ދަތުރަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިޔަތަން ފެންނަން ފެށިއެވެ.

އަނެއްކާވެސް ކޭސްތައް މަދުވާން ފެށިނަމަވެސް، އަހަރު ނިމެން ދިޔަ ވަރަކަށް ކޮވިޑުގެ ވަބާއިން އަދި ސަލާމަތްވެވެން ނެތްކަން އަނެއްކާވެސް ދިވެހިންނަށް އިހުސާސްވާން ފެށީ އެފްރިކާއިން އެންމެ ފުރަތަމަ ފެންނަން ފެށި އޮމިކްރޯން ވެރިއެންޓާ ހެދިއެވެ. ޑެލްޓް ވޭރިއަންޓެކޭ އެއްގޮތަށް އޮމިކްރޯންއިންވެސް ދުނިޔެ ހުއްޓުމަކަށް ގެނެސްދާނެ ކަމުގެ ބިރުގެ މަލަމަތި މިހާރު މިވަނީ ފެންނަން ފަށާފައެވެ.

މިކަމުގައި ކަންބޮޑުވާން ޖެހޭ ކަމަކީ، މޭ މަހު ގޯސްވި ވަރަށް ކޮވިޑުގެ ހާލަތު ގޯސްވެއްޖެނަމަ ނިކުންނާނެ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ. ސިއްހީ ދާއިރާ އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. އިތުރު ރާޅެއް އައިސްފި ހާލަތަކަށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރެއް ނޫނެވެ. އިތުރު ފުރާނަތަކެއް ގެއްލި ދިއުމުގެ ބިރު އަދިވެސް އެބައޮތެވެ.

މުޅިން އާ ބައްޔެއް ޗައިނާގައި ފެތުރެމުންދާ ކަމުގެ ރިޕޯޓު، އެ ގައުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް ގެނައިތާ މިއަދަށް ދެ އަހަރު ފުރުނުއިރު، އެ ބައްޔަކީ މުޅި ދުނިޔެއަށްވެސް ގިނަ ބަދަލުތަކެއް ގެނުވި ބައްޔެކެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް މިބައްޔާއެކު އުޅެން ޖެހިފައިވާއިރު، ނިމިގެން މިދިޔަ އަހަރުން އިބުރަތް ލިބިގަތުމަކީ މުހިންމު ކަމެކެވެ. އަނެއްކާވެސް އިގްތިސޯދު ހުއްޓުމަކަށް ގެނެސް ގޭބަންދު ވާން ޖެހޭފަދަ ހާލަތަކަށް ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް، ކޮވިޑާއެކު އުޅެން ދަސްކުރުން މުހިންމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *