ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް

އުމުރުން 26 އަހަރުގެ އިހުސާނަކީ ފަސް މީހުންގެ އާއިލާއެއްގައި ހުރި ހަމައެކަނި މާލީ ބަލަދުވެރިޔާއެވެ. މަންމައާއި ބައްޕަ ބަލި އެނދުގައި އޮތްއިރު ދެން ތިބީ ކިޔަވާ ނުނިމޭ ދެ އަންހެން ކޮއްކޮއެވެ. އިހުސާން ރިސޯޓަށް ވަޒީފާއަށް ނިކުތީ ރަށުން ވަޒީފާއެއް އަދާކޮށްގެން ލިބޭ މުސާރައިން މަހުން މަހަށް ކުރާ ހަރަދުތައް ފޫނުބެއްދޭތީވެ، ބަލައިބޮޑުކުރި ލޯބިވާ މައިންބަފައިންގެ ބަލި ހާލަށް ސިއްހީ ފަރުވާ ހޯދައިދިނުމުގެ ނިޔަތުގައިކަމަށް އޭނާ ކިޔައިދިނެވެ.

"ކޮންމެވެސް ވަރަކަށް ކިޔެވިފައި ހުރީމަ އަސްލު އެހާ އުނދަގުލެއްނުވި ރިސޯޓަކުން ރަނގަޅު ވަޒީފާއެއް ހޯދަން. އެއްފަހަރާ ގާތްގަނޑަކަށް 3 ރިސޯޓަކަށް އެޕްލައިކުރިން. ދެން އެންމެ އަވަހަށް ލިބުނު ރިސޯޓަށް ދިޔައީ"

ރިސޯޓަށް ވަޒީފާއަށްވަދެ ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ދެން އޭނާއާ ކުރިމަތިލީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށި ކޮވިޑުގެ ބަލިމަޑުކަމެވެ. އެއާއެކު ރިސޯޓުން އޭނާއަށް ދިނީ ގޮތަކުން އެއް ގޮތް އިހްތިޔާރުކުރާށެވެ. ފުރަތަމަ ގޮތަކީ ވަޒީފާއިން އަމިއްލައަސް ކެނޑުމެވެ. ދެވަނަ ގޮތަކީ މުސާރަ ނުދޭ ގޮތަށް ޗުއްޓީއަށް ދިޔުމެވެ. އެންމެ ފަހު އަދި ތިންވަނަ ގޮތަކީ ރިސޯޓުގައި ހުރެގެން ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމެވެ.

ރިސޯޓުން ހުރީ އިހުސާނަށް އާމްދަނީ ލިބޭނެ ގޮތެއް ހިލާ ދޭގޮތަކަށް ނޫނެވެ. އެއާއެކު އިހުސާން އިހްތިޔާރުކުރީ އެންމެ ފުރަތަމަ ގޮތެވެ. އަނބުރާ ރަށަށް މައިންބަފައިން ކައިރިއަށް ދާށެވެ. ރަށަށް ފޭބިއިރު އޭނާގެ އަތުގައި އޮތީ އޭނާއަށް ރައްކާކުރެވުނު އެންމެ 3،000 ރުފިޔާއެވެ. އެކަމަކު އެއީ މަންމައާ ބައްޕަގެ އެންމެ މަހެއްގެ ބޭހަށްވެސް ފުދޭ އަދަދެއް ނޫންކަން އޭނާއަށް އެނގެތީވެ، ދެން އޭނާ ފެށީ ރަށުން ވަޒީފާއެއް ލިބޭތޯ ނޫނީ ކުދކުދި މަސައްކަތް އެތަން މިތަނުން ކޮށްލައިގެންވެސް އާއިލާގެ ބަނޑުފުރާނަ މުއްތިކުރެވޭތޯއެވެ.

ނަސީބުހުރި ގޮތުން ކޮވިޑު ލައްވާލީވެސް ރޯދަ މަހަކާއެވެ. ރޯދަ މަހާއި ލައްވާލިއިރު، އެކި ގޮތްގޮތުން އިހުސާނަށް އޭނާގެ އާއިލާއަށް ރޯދަ މަސްތެރޭ ދެކޮޅުޖައްސައިގެން އުޅެވޭ ވަރު ކުރެވުނުކަމަށް އޭނާ ހަމްދު ކުރެއެވެ.

"ރޯދަ މަސް އަންނަން ކައިރިވީމަ ވަރަށް ގަދަޔަށް މަސައްކަތްކުރިން. ހެނދުނު ފަތިހާ ހޭލައިގެން މީހެއްގެ ގެއަކުން ގާތަކެއް އުފުލަދީފަ އެހެންވެސް އުޅިނިން. އެމީހުން ދޭނެ ވަގުތުން ލާރި މަސައްކަތަށް. ދެން އެނގޭ ބައިސްކަލް ސައިކަލްއަށް ކުދި ކުދި ކަންކަން ވީމަ ހައްލުކުރަން، ހަވީރު އެކަހަލަ ކަންކަން ކޮށްގެންވެސް ލިބުނު ކޮންމެވެސް ވަރަކަށް. ދެން ރޭގަނޑު ޝޮޕްއެއްގަ އިންނަނީ. އެމީހުންވެސް ކޮންމެ ރެޔަކަށް ފައިސާ ދޭނެ އެރެޔަކު. އެހެން ލިބޭ ލާރީގައި އަތްލަނީވެސް އަތްނުލާ ނުވީމަ. ބޮޑެތި ކަންކަން ކުރަން ބަހައްޓާފަ ހުންނާނީ،"

މަސައްކަތް ބުރަވެފަ، އޭނާ ވިސްނަން ޖެހޭ ވިސްނުންތައް ގިނަކަމުން އޭނާއަށް ބައެއް ރޭރޭ ނިދަންވެސް އުނދަގޫވެއެވެ. ފަތިހާ ހޭލައިގެން މަސައްކަތަށް ދާ ގޮތަށް ރޭގަނޑު ގެޔަސް އައިސް ބުރަކަށި ދަމާލަން ލިބޭ ވަގުތުކޮޅުގައިވެސް އޭނާއަށް ނުނިދި ފުރޮޅިފުރޮޅި އޮންނަނީ އެކަންކަމާ ދޭތެރޭ ވިސްނާށެވެ. ދިރިއުޅުން ދެކޮލު ޖައްސަން ދެން ކުރާނީ ކޮން ކަމަކާ ދޭތެރޭއެވެ.

"އަސްލު ވަރަށް ވަރުބަލިވެފަ ހުންނަނީ ހުރިހާ ކަމެއްކޮށް އެއްކޮށް ނިންމާލާފަ އައިސް އެނދުގައި ޖައްސާލާއިރު، އެކަމަކު އޮންނާނެ ނުނިދި ކަންކަމާ ވިސްނަން ދެތިންގަޑިއިރު ވަންދެން. ބައެއް ފަހަރު ހިތަށް އަރާ މިއީ ކީއްވެގެން ކުރިމަތިވި ކަމެއްބާއޭ. އަހަރެން ކީއްހޭ ކުރީ މިހެން ކަންކަން ދިމާވާންވީ. އެކަހަލަ އެއްޗެހި ހިތަށް އަރާނީ. އެއީ ހަޔާތުގަ އައި އެންމެ ދެރަ ދުވަސްތައް ހަމަ،"

އެހާލުގައި އުޅެނިކޮށް ދެން އޭނާއަށް ކުރިމަތިވީ އަނެއްކާވެސް އިތުރު ދައްޗަކާއެވެ. ރޮދައިގެ ތެރޭގައި އެއްކުރި ފައިސާ އެއްކޮށްހެން މަންމައަށް ހަރަދުކުރަން ޖެހުނީ މަންމަގެ ހާލު ބޮޑުވުމާއެކުގައެވެ. އަނެއްކާވެސް އިހުސާނަށް ޖެހުނީ ފައިސާ ހޯދަން އިތުރަށް ގަނަތެޅޭށެވެ. ނަމަވެސް އިންސާނަކަށް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް ވަކި ވަގުތެއްވަންދެން ކަމުން އޭނާ އަސް ގޮތް ހުސްވިއެވެ. އެންމެ ފަހުން ޖެހުނީ އެކުވެރިންގެ އަތުން ފައިސާ ދަރަންޏަށް ނަގާށެވެ.

"މަންމަ ބަލިވެގެން އަތްމަތި ހަމަ އެއްކޮށް ހުސްވި. ކާނެ އެއްޗެއްވެސް ގޭގަ ނެތިގެން ގާތް ރައްޓެއްސެއް އަތުން ލޯނެއް ނެގީ. ފަހުންވެސް ދެ ކުއްޖެއްގެ އަތުން ނެގިން. އެކަމަކު އިނގޭދޯ މީހެއްގެ އަތުން ފަހުން ދޭގޮތަށް އެއްޗެއް ނަގައިފިއްޔާ ދެން އެ ނުދެވިގެން ވަރަށް ވިސްނޭނެ. މިހެން އުޅުން އިރު ގިނަވާނެ ހަމަ އެއް އިރު ކައިފިއްޔާ އަނެއް އިރު ނުކާ ދުވަސްތައް. އަތުގަ ހަމަ އެއްވެސް އެއްޗެއް ނެތީމަ"

އެއީ އިހުސާންގެ ވާހަކައެވެ. ކޮވިޑުގެ ބޯޑަރު ބަންދުކުރި ހަތަރު މަސް ދުވަހު އޭނާ ދިރިއުޅެން ޖެހުނު ހާލެވެ. ހަމަ އެހާލުގައި އެހެން އެތައް ރިސޯތު މަސައްކަތްތެރިންނެއްވެސް ކެތްކުރިއެވެ. ހަތަރު މަސް ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ހަބަރު އެ މަސައްކަތްތެރިންނަށްވީ އާދައިގެ ނިއުމަތަކަށް ނޫނެވެ. އިހުސާން މިހާރު އަނެއްކާވެސް އުޅެނީ ރިސޯޓެއްގަ މަސައްކަތުގައެވެ. ބޯޑަރު ހުޅުވާލުމާއެކު ލަހެއް ފަހެއް ނުވެ އޭނާ ދެ ތިން ހަތަރު ތަނަކަށް ވަޒީފާއަށް ލިއެވެ. އޮންލައިން އިންޓަވިއުއަކަށްފަހު އޭނާއަށް ހަފްތާއެއް ތެރޭ ވަޒީފާވެސް ލިބުނެވެ.

އާ ވަޒީފާއަކީ މާ މަތީ މުސާރައެއް ލިބޭ ވަޒީފާއަކަށް ނުވިޔަސް މިހާރު އޭނާއަށް އާއިލާ ބެލޭވަރުވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހާ ހިސާބުން ފަތުރުވެރިކަން އަނެއްކާވެސް ރާއްޖޭގައި ރަނގަޅަށް ހިނގަން ފެށުމާއެކު ގިނަ ރިސޯޓުތަކުގެ މުސާރައާއި ސާވިސް ޗާޖުތައްވެސް ރަނގަޅުވާން ފެށިއެވެ. ކޮވިޑުގެ ތެރޭގައި އެއުޅުނު ހާލަށްފަހު އަނެއްކާވެސް އޭނާއަށް ހިތްފަސޭހަކަމެއް ލިބުނު ލިބުން އިހުސާނަށް ސިފަވީ، "ބިރުވެރި ހުވަފެނަކުން ހޭލެވުން" ފަދައިންކަމަށް އޭނާ ކިޔައިދިނެވެ.

"ކޮވިޑަށް ފަހު އަސްލު ވަރަށް މަދުން ޓޫރިސްޓުން އައީ. ވަރަށް ވަރަށް މަދު. ރިސޯޓުންވެސް، މުވައްޒަފުންވެސް ވަރަށް މަސައްކަތްކުރި ދާއިރާ ރަނގަޅުކުރަން. ހަމަ މިނިސްޓްރީއާ މެނޭޖުމެންޓުންވެސް މަސައްކަތްކުރިތަން ދެކުނިން ފަތުރުވެރިން އިތުރުކުރަން. އެމީހުންގެ ހުރިހާ ކަމެއް އިންވެސްޓް ކުރި މިކަމަށް. މިހާރު ވަރަށް ރަނގަޅުވެއްޖެ. ހަމަ ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނުހެން. އެންމެ އުނދަގޫ ދުވަސްތައްވެސް ސަވައިވްކޮށްފަ މިއަދު ހަމަ އެންމެ އުފަލުގަ މިއުޅެނި އަލްހަމްދުﷲ. ދުއާކުރަނަން ދުވަހަކުވެސް މީހަކު އެހެން އުޅެން ނުޖެހޭނެކަމަށް،"

ރާއްޖޭގެ އިގްތިސޯދީ ލޭނާރު، ފަތުރުވެރިކަން ކޮޅަށް ޖަހަން އިހުސާން ބުނިހެން ސަރުކާރާއި އެކި ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއަކަށްވީ، މީގެ ތިން ދުވަސްކުރިން ރާއްޖެއިން މިއަހަރަށް ކަނޑައެޅި އަމާޒުކަމުގައިވާ 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމާއި ހަމަޔަށް ވާސިލުވުމެވެ. ހަމައެއާއެކު މިދިޔަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ކާމިޔާބުކުރި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު" މިއަހަރުވެސް ރާއްޖެއަށް ލިބުމެވެ.

ރަނގަޅެވެ، ބުރަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. އެކަމަކު އެކަމުގެ ފަހަތުގައި، އެކަމުގެ މުގުލުގައި މިތިބީ އިހުސާންމެންފަދަ ރިސޯޓު މަސައްކަތްތެރިންކަން އެއީ ހަގީގަތެވެ. އެފަރާތްތަކަށް ތަރުހީބު ހައްގެވެ.

ކޮވިޑާއެކު އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ހުރިހާ ގައުމެއްގެ ދޮރުތައް ބަންދުކުރިއިރު އެދާއިރާގެ ފަރާތްތަކަށް އާމްދަނީގެ ދޮރުތައްވެސް ބަންދުވިއެވެ. ނަމަވެސް މިއަދު، ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ބާރު ދުވެއްޔެއްގައި ކުރިއަށެވެ.

ކޮވިޑުގައި އެންމެ އަސަރުކުރި، އަދި އެންމެ ހާލުގައި ދިރިއުޅުނު ރިސޯޓު މަސައްކަތްތެރިން މިއަދު އެތިބީ ފަތުރުވެރިކަން ކޮޅަށް ނަގައި އެދުވާ ބާރު ދުވެލީގެ ހުންގާނުގައި ހިފައިގެންނެވެ. އެދާއިރާ އެންމެ އަހަރެއްގެ ތެރޭގައި ވެއްޓުނު އަނދަވަޅުން އަރައިގަނެ، ކުރިޔަށްދާން ފެށި މައިގަނޑު ސަބަބަކީވެސް ކޮވިޑުގައި އެންމެ ހާލުގައި ޖެހުނު އެ ރިސޯޓު މަސައްކަތްތެރިންނެވެ. މިސަބަބުތަކަށްޓަކައި "ޖަޒީރާ" ގެ މިފަހަރުގެ އަހަރުގެ ތަރުހީބު ހައްގު ފަރާތްތަކަކީ ރިސޯޓު މަސައްކަތްތެރިންނެވެ. "ޖަޒީރާ" ގެ އަހަރު ރިވިއުގެ މި ސެގްމެންޓަކީ އެފަރާތްތަކުގެ އަގުވަޒަން ކުރާ ސެގްމެންޓެކެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ބޯޑަރު އޭގެ ހަތަރު މަސް ފަހުން ޖުލައި 15 ވަނަ ދުވަހު ހުޅުވާލިއިރު، އެ ހަތަރު މަސްތެރޭ ރިސޯޓު މަސައްކަތްތެރިންގެ ގިނަ ބައެއްގެ މުސާރަ ކުޑަކޮށް، ވަޒީފާއިން ވަކިކޮށް، މުސާރައާއި ނުލާ ޗުއްޓީގައި ތިބެން ޖެހުނު މަންޒަރު ފެނުނެވެ. މީހުން އަތުން ދަރަންޏަށް އެއްޗެހި ނަގާ ހިސާބަށްވެސް ބައެއް މީހުން ދާންޖެހުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *