އަމިއްލަ އެދުންތަައް ބޮޑުވެ، މަދަހަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް އިހުލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، ހެޔޮ ޢަމަލު ކުރުމުގައި އިޚްލާޞްތެރިވުމުގެ މައްޗަށެވެ.
ޚުތުބާގައި ބުނެފައިވަނީ، އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބުނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކުވާކަމަށެވެ. އޭގެ ތެރޭގައި ކަންދެއްކުން ވާކަމަށެވެ.
ލޮބުވެތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ކަންދެއްކުމާ ދުރުހެލިވެ ވަޑައިގަތުމަށް ނަސޭހަތް ދެއްވައި، ކަންދެއްކުމުގެ ތެރެއަށް ވެއްޓި ވަޑައިނުގަތުމަށް އިރުޝާދު ދެއްވިކަން ފާހަގަކުރައްވާ ޚުތުބާގައި ބުނެފައިވަނީ، ކުޑަ ޝިރްކަކީ، ވަރަށް ވަންހަނާކަން ބޮޑު ކަމެއްކަމަށެވެ.
މާތް ﷲ ރުއްސުން ލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވާ ގޮތުގައި، އެއް ދުވަހަކު އެބޭކަލުން ދައްޖާލުގެ ވާހަކަ ދައްކަވަން ތިއްބަވަނިކޮށް، ރަސޫލު ﷲ ﷲ އެ ތަނަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އަލްމަސީޙުއް ދައްޖާލަށް ވުރެ ތިޔަބައިމީހުންގެ މައްޗަށް ބިރުވެރިކަން ބޮޑު ކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަން ހެއްޔެވެ؟ އެބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެއީ ކުޑަ ޝިރްކެވެ. ކުޑަ ޝިރްކަކީ ކޮބައިތޯ ޞަޙާބީން ސުވާލު ކުރެއްވުމުން އެއީ ކަންދެއްކުންކަމަށް ޙަދީޘް ކުރެއްވިއެވެ."
ކަންދެއްކުމަކީ ކަމެއް ކޮށް، މީސްތަކުންނަށް އެ ކަން ދައްކައި، އެކަމަށް ސަނާއާއި ތާރީފު ހޯދުމެވެ.
މިއީ އޭނަ ކުރި ހެޔޮ ޢަމަލުގެ ޘަވާބު ނެތިކޮށްލާނެ ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މީހަކު ކަމެއް ކުރާއިރު، އެކަން މާތް ﷲ އަށް ޚާލިޞް ނުކުރާނަމަ އާޚިރަތްދުވަހުން އޭނާ މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތް ކުރައްވާނެކަން ހުތުބަގައި ވަނީ ހަނދާންކޮށްދީފައެވެ.
މާތް ﷲ ރުއްސުންލެއްވި ޖުންދުބުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ގެ ޙަދީޘް ކުރައްވާފައި ވެއެވެ.
"މީހަކު ކުރާ ކަންތައް، އަޑުއިއްވަން ކުރާނަމަ، މާތް ﷲ އެ އަޑު އިއްވަވައިދެއްވާނެއެވެ. މީހަކު ކުރާ ކަންތައް ދައްކަން ކުރާނަމަ، މާތް ﷲ އެ ކަން ދައްކަވައި ދެއްވާނެތެވެ."
ހުތުބާގައި ބުނެފައިވަނީ، އަމިއްލަ އެދުންތައް ބޮޑުވެ، މަދަޙަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް، އިޚްލާޞްތެރިކަމުގެ ބައްތި ކަނިވަމުން ދާނެކަމަށެވެ. ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާޞްތެރިކަން ފަނޑުވަމުން ދާނެކަމަށެވެ.
މާތް ﷲ ޤަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ޞާލިޙު ޢަމަލުތައްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އަޅުގަނޑުމެންގެ ރަނގަޅު ޢަމަލުތައް، ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުންކަމުގައެވެ.