މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީ ވީކް ރަން" ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
ހުކުރު ދުވަހު ހެނދުނު ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް އިން ފެށި ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުން އެއްވަނަޔަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ފިރިހެން ކެޓަގެރީއިން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނަޔަށް އާބިދް ދިޔައިރު ތިންވަނަޔަށް ދިޔައީ ފަރްހާދުއެވެ. އަދި މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
އަންހެން ކެޓެގެރީން ވަނަ ތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފުއެވެ. އަންހެން ކެޓަގަރީން އެއްވަނަޔަށް ޝަމްހާ ދިޔައިރު ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނަޔަށް ދިޔައީ ނަޝީދާ އަލީއެވެ.
މީގެއިތުރުން ދުވުމުގައި ޖާރޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)އަށް ހަދިޔާކޮށްފައެވެ. އެގޮތުން، 23،700 ރުފިޔާ އާކް އާއި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މުއިއްޒުއެވެ.
އެމްޕީއެލްއިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.