މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައިވެސް އެންމެ އިސްކޮށް ހުރީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި އަރުޝަދު ހާލިދު ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އިރު، އެ މައްސަލައިގައި އަރުޝަދު ހައްޔަރުކުރިއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ދޫކޮށްލާފައެވެ.
މި މަހު 12 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކުރިއިރު އެމައްސަލައިގައިވެސް ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ހިމެނޭކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމައްސަލައިގައި ހައްޔަރުކުރުމުގެ ކުރިން އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެ ދެ މީހުންނަކީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހުމަދު ސުނައިނު (25) އާއި ހަމައެރަށު ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52)އެވެ. އެ ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ތަހުގީގުކުރުމުން އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ މިމަހުގެ 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށްކިޔާ ލޯންޗުން މާލެއަށް އެތެރެކުރި ތަކެތިކަން ފުލުހުންނަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ. އެތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވީ ހައްޔަރުކުރި ޒުބައިރުގެ އިތުރުން ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާން (31) އަދި ހަމަ އެރަށު އަލޯރާ، އަހުމަދު މުޖާހިދު (29) ފުލުހުން ބުނެއެވެ.
އެމީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެމައްސަލައިގައި ހިމެނޭ އަރުޝަދު އެ ތިން މީހުންނާ ބައްދަލުކޮށް އެކަމުގައި އިރުޝާދު ދިނުމުގައި ހަރަކާތްތެރިވިކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ހާލިދު އަކްރަމް ހަމަ އެދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަރުޝަދަކީ އެމަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތްކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ ސުނައިނާއި ޒުބެއިރަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކުރި ދެމީހުންކަން ފުލުހުން ފާހަގަކުރެއެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމުން މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން އެމީހުން ދޫކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.