ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު ތަރުތީބުކޮށް އާންމުކޮށްފިއެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެ އިންތިޚާބުގައި ވާދަކުރަނީ ތިން ޕާޓީ އަކުންނެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއެވެ. ކެންޑިޑޭޓް ނަމްބަރުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައިވާއިރު، އެއް ނަމްބަރު ކެންޑިޑޭޓަކީ އެމްޑީޕީ ކެންޑިޑޭޓު ށ.ފޯކައިދޫ، މުހައްމަދު ރާޝިދެވެ. އަދި ދެވަނަ ކެންޑިޑޭޓަކީ ޕީޕިއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއެވެ. ތިންވަނަ ކެންޑިޑޭޓަކީ އެމްއެންޕީއަށް ނިސްބަތްވާ އަބްދުލް ހައްނާން އިދުރީސެވެ.
2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި - އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިރޭ ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/UAgzWriwkl
— Elections Commission (@ElectionsMv) December 30, 2021
ތިން ކެންޑިޑޭޓުންވެސް ޕާޓީތަކުން ހޮވާފައިވަނީ ޕްރައިމަރީއަކާ ނުލައެވެ. އެއީ އިތުރު ފަރާތަކުން ޕްރައިމަރީއަށް ކުރިމަތިނުލުމުންނެވެ.
އެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއެވެ.
ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ފަތުހީ އަކީ ރައިސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައީސްކަން ކުރައްވާ އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ހަންނާނަކީ މީހުން ބިނާ ކުރުމުގެ ދާއިރާއަށް 32 އަހަރު ޚިދުމަތް ކޮށްފައިވާ މީހެކެވެ.
ކޮމަންޑު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.