މަސައްކަތް ފެށިތާ ނުވަ އަހަރުވެފައިވާ ފުލުހުންގެ ފްލެޓުތައް ނިންމަން އެންމެ ފަހުން ތިން ވަނަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ފެށި އެމަޝްރޫގެ ބާކީ ނުނިމި ހުރި މަސައްކަތްތައް މިއަދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެތަނުގައި އިމާރާތްކޮށްފައިވާ ތިން ޓަވަރުގެ ފިނިޝިންގެ މަސައްކަތްތަކެވެ.
އަމީން ކޮންސްޓްރަކްޝަނާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 274 މިލިއަން ރުފިޔާގެ އަގަކަށް 240 ދުވަސް ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއަށް ޚަރަދުކުރަން ހަމަޖެހިފައި ވަނީ ޑޮމެސްޓިކް ބަޖެޓުންނާއި ކޮމާޝަލް ލޯނަކުންކަމަށް މިނިސްޓްރީން ބުނެއެވެ.
ފުލުހުންގެ ފްލެޓުތަކުގެ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1،100 އަކަ ފޫޓެވެ. މިޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލް ހިމެނެއެވެ. މިމަޝްރޫއު ވިލަރެސްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގުޅިގެންނެވެ.
ޕޮލްކޯ ފްލެޓުތައް އެންމެ ފުރަތަމަ ހަވާލުކުރީ 2012 ވަނަ އަހަރު ނޫމަޑި ކުންފުންޏާއެވެ. ނަމަވެސް އެ މަޝްރޫގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ އެ މަސައްކަތް އައިލެންޑް އެކްސްޕާރޓްސްއާ ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. އެ ކުންފުންނާ ހަވާލުކުރިތާ ވެސް ފަސް އަހަރުވެފައިވާއިރު، އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރިފަހުން އެފްލެޓްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެ، ހުޅުމާލޭގައި 100އެއްހާ އެއްހާ ބިދޭސީންތަކެއް ވަނީ މިދިޔަ އަހަރުތެރޭ މުޒަހަރާވެސްކޮށްފައެވެ.