މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "ޕޯޓް ސޭފްޓީ ރަން" މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ޕޯޓް ސޭފްޓީ ރަން އަކީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޕީއެލުން ގެންދާ ސޭފްޓީ ވީކްގެ އެންމެ ފަހު ހަރަކާތެވެ. އެ ދުވުން ކުރިއަށް ދާނީ މާދަމާ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައިކަމަށް އެމްޕީއެލްއިން ބުނެއެވެ.
މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ އެ ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އޭގެ ތެރޭގައި ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ވަނަވަނައަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ އިނާމުތަކަކީ:
- އެއް ވަނަ - 2،500 ރުފިޔާ
- ދެ ވަނަ - 1،500 ރުފިޔާ
- ތިން ވަނަ - 500 ރުފިޔާ
އެ ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް) އަށް ހަދިޔާކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.
އެމްޕީއެލުން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ގެނައުމަށްކަމަށް އެ ކުންފުނިން ބުނެއެވެ. ކުރިޔަށް އޮތް ތަނުގައި އެޔަށް ވުރެން ފުޅާކޮށް އެކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖާޒީ ހަދިޔާކޮށްފައެވެ. އޭގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ.