ފަތުރުވެރިންތަކެއް ރާއްޖޭގެ ރަށެއްގައި. ފޮޓޯ: މޯލްޑިވްސް ގެސްޓްހައުސް.

ރާއްޖެއަށް ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކޮށް، ހޯމް ސްޓޭ ޓޫރިޒަމް ހިންގާނެ ގަވާއިދު މިއަދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.

އެ ގަވާއިދުގައި ހޯމް ސްޓޭ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހެނީ މީހުން ދިރިއުޅޭ އިމާރާތުގައި މީހުން ދިރިއުޅޭ ޔުނިޓުތަކުގައި ހަދާފައިވާ ގެސްޓްހައުސްތައްކަމަށް ބަޔާންކުރެއެވެ. އަދި އެތަނެއް ވާން ޖެހެނީ ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ތަނަކަށްކަމަށްވެސް ހޯމްސްޓޭ ގަވާއިދުގައި ބުނެއެވެ.

ހޯމް ސްޓޭ ވިޔަފާރިއަށް ހުއްދަ ދިނުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން އެތަނެއް މޮނިޓާކޮށް ބަލާނެކަމަށް ގަވާއިދުގައި ބުނެއެވެ. އަދި އެ ވިޔަފާރިއަށް ހުއްދަދޭނީ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ނަމައެވެ. އެ ހުއްދަ އަކީ ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާ ހުއްދައެއްކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

ނަމަވެސް އެދޭނަމަ އެ ހުއްދަ ބާތިލްކުރުމަށް އެދުމުގެ ފުރުސަތު އޭގެ ކުރިންވެސް އޮވެއެވެ. އޭގެ އިތުރަށް ހުއްދަ ދޫކޮށްފައިވަނީ އެތަނެއްގެ އަސްލު ވެރިފަރާތަށް ނޫން ނަމަ އެ ހުއްދަ ބާތިލްކޮށްދިނުމަށް އެދި ވެރިފަރާތުން މިނިސްޓްރީގައި އެދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

އޭގެ އިތުރަށް އެ ގަވާއިދުގައި ހޯމް ސްޓޭ ވިޔަފާރިއަށް ދީފައިވާ ހުއްދަ ބާތިލްކުރެވޭނެ ގޮތާއި، އެ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނެ ގޮތުގެ އުސޫލުވެސް ހިމަނާފައިވެއެވެ.

އަދި ހޯމްސްޓޭއަށް ހުއްދަދޭ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައްވެސް ގަވާއިދުގައި ހިމަނާފައިވާއިރު، ވަކި ކޮޓަރިއެއްގައި މަދު ވެގެން ދެ އެނދު ބެހެއްޓުމަށާއި، އެތަނެއް ހިންގާ ބަޔާކަށް 24 ގަޑި އިރު ގުޅޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންޖެހޭނަކަމަށް ގަވައިދުގައި ފާހަގަކުރެއެވެ. އަދި އެތަނަކަށް އަންނަ ފަތުރުވެރިންގެ މައުލޫމާތުތައް އެއްކޮށް މަދުވެގެން ފަސް އަހަރު ވަންދެން ރެކޯޑު ބަލަހައްޓަން ޖެހެއެވެ.

ގަވާއިދުގައި ބުނަނީ ހޯމްސްޓޭ ހުއްދަ ދޫކުރާނީ އެ ރަށެއްގައި ނުވަތަ އަތޮޅެއްގައި ވެސް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނުގައި ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ވަކި ޓޫރިސްޓު ޑެސްކެއް ބެހެއްޓުމާއި، މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ރަށުގައި ފަތުރުވެރިންގެ ކަންކަން ރާވާ ހިންގާނެ ގޮތެއް ކައުންސިލުން ކަނޑައަޅާފައި އޮތުމުގެ އިތުރަށް އެމަޖަންސީ ހާލަތުގައި ވެސް ރަށުގައި އަމަލުކުރާނެ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *