ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔި އަންނަ މަހުގެ ހަތްވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް، ރާއްޖޭގެ ފޮރިން މިިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާ އިރު، އެމަނިކުފާނަށް ރާއްޖެއިން މަރުހަބާ ދަންނަވާނީ ފޮރިން މިނިސްޓަރު ޝާހިދު ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅަކީ މިދިޔަ ނޮވެމްބަރު މަސް ތެރޭ މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރުމުގެ އިތުރުން ރަސްމީ ބައްދަލުވުންތައްވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޗައިނާގެ ފޮރިން މިނިސްޓަރުގެ އެ ދަތުރުފުޅަކީ ކޮންމެ އާ އަހަރަކުވެސް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ. އެގޮތުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އެފްރިކާ ބައްރުގެ ބައެއް ގައުމުތަކަށް ވަޑައިގަތުމަށްފަހުއެވެ.

އެދަތުރުފުޅަކީ ރާއްޖެއާ ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ  50 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތްފަހުން މިއީ ޝާހިދު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ ޝާހިދު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތަކަށް މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *