ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވޭންގް ޔި އަންނަ މަހުގެ ހަތްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރަކީ މިނިސްޓަރު ވޭންގް ޔި ކޮންމެ އާ އަހަރެއްގެ ފެށުމާއި އެކު ކުރައްވާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ޒިޔާރަތްކުރައްވަން ހަމަޖެހިފައި އޮތީ އެފްރިކާ ބައްރުގެ ގައުމުތަކަށްކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެއެވެ. އެފްރިކާގެ ކޮމޯރޯސް އަދި ކެންޔާއަށް އެމަނިކުފާނު ވަޑައިގަތުމަށްފަހު ދެން ވަޑައިގަންނަވާނީ ރާއްޖެ އާއި ސްރީލަންކާއަށްކަމަށް އެ ބަޔާނުގައި ބުނެއެވެ.
ރާއްޖޭގެ ފޮރިން މިނިސްތްރީން ބުނީ ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔި ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށްކަމަށެވެ. އަދި އެދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރު ވޭންގް ޔިގެ ދަތުރަކީ ރާއްޖެއާ ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.
މިއީ މި ސަރުކާރުގައި ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޗައިނާ ގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވަން ތައްޔާރުވެފައިވާއިރު، ރާއްޖެއާއި ޗައިނާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ.