ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައެއް މެމްބަރުން

ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމަށް، ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓު މުވައްޒަފުންނާ ސިއްރު ސާރވޭއެެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ފެންވަރު ވަޒަންކުރެވޭ މުއްދަތުގައި، ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާބެހޭ މަޢުލޫމާތު އަމިއްލަ ހައިސިއްޔަތުން އެނގޭނެ ޤާނޫނީ ވަކީލުންނާ ސިއްރު ސާރވޭއެއް ކުރުމަށްޓަކައި ސުވާލުތަކެއްކޮށް ޖަވާބު ލިބިގަތުމަށްޓަކައި، އެފަރާތްތަކަކީ ކޮންބައެއްކަން ނޭނގޭގޮތަށް، އިވެލުއޭޓުކުރެވޭ ފަނޑިޔާރާގުޅޭ މަޢުލޫމާތު ހޯދުމުގެ ގޮތުން ސާވޭއެއް ކުރަން ނިންމާފައިވާކަމަށެވެ.

މަސައްކަތުގެ ފެންވަރި ވަޒަންކުރުމަށް ނިންމާފައިވަނީ، ކްރިމިނަލް ކޯޓު، ސިވިލް ކޯޓް، ޑްރަގް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ ބައެއް ފަނޑިޔާރުން ހިމެނޭހެން ޖުމްލަ 29 ފަނޑިޔާރެއްގެއެވެ.

ފެންވަރުވަޒަންކުރުމަށް ބަލާ ސާވޭގައި، ފަނޑިޔާރާއި އެކު ކުރެވިފައިވާ ތަޖުރިބާތަކާއި އޭގެ މިންގަނޑަށް ބަލާނެކަމަށް ޖޭއެސްސީން ވަނީކ ބުނެފައެވެ.

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލަނީ 5 މިންގަނޑަކުންނެވެ. އެއީ، ގާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، ނަޒާހަތްތެރިކަމާއި ވަކި ފަރާތަަކަށް ނުބެލުމާއި، ޕްރޮފެޝަނަލިޒަމްގެ އިތުރުން މުއާމަލާތްކުރުމުގެ ހުނަރާއި، ހިންގުމުގެ ހުނަރެވެ.

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުން ބައްޓަންކޮށްފައިވަނީ ފަނޑިޔާރުންގެ ތައުލީމާއި ތަމްރީނާ ގުޅޭ ބޭނުންތައް އެސެސްކުރުމާއި އެކަށީގެންވާ މިންގަނޑަށްވުރެ ފެންވަރު ދަށްކޮށް މަސައްކަތްކުރާ ފަނޑިޔާރުން ދެނެގަތުމާއި، އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ޖޭއެސްސީއަށް އެހީތެރިވެދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *