ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެމަސްވެފައިވާކަމަށް އޮންލައިން ނޫސް "މިހާރު" ގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެން، އެ ނޫހުން ކަންކަން އޮޅުވާލައި ރިޕޯޓުކުރަމުންދާކަމަށް ވިދާޅުވެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު އެ ނޫހަށް ފާޑުވިދާޅުވެއްޖެއެވެ.
"މިހާރު" ނޫހުން މިރޭ ޝާއިއުކުރި އެލިޔުމުގައި ވަނީ އެފްއޭއެމްގެ މުވައްޒަފުންނަށް ދެމަސްދުވަހު މުސާރަ ދީފައިނުވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެކަމާއި ގުޅިގެން "މިހާރު" ނޫހުން ސުވާލުކުރުމުންވެސް އެފްއޭއެމްއިން އެކަމަށް އިޖާބަދީފައިނުވާކަމަށް އެނޫހުން ލިޔުނު ލިޔުމުގައިވެއެވެ. އެ ހަބަރާއި ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެމައުލޫމާތު ދޮގުކޮށްފައެވެ.
ޖަވާޒް ލިޔުއްވި އެ ޕޯސްޓުގައިވަނީ ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމުގައި ޓެކްނިކަލް ދަތިތަކާއި ކުރިމަތިވިކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމަޔަށް ނޮވެމްބަރު މަސް އަދި މިހިނގާ ޑިސެމްބަރު މަހުގެ މުސާރަވެސް އެފްއޭއެމްއިން ބަރާބަރަށް ދީފައިވާކަމަށް ޖަވާޒް ވިދާޅުވިއެވެ. އަދި އެޒާތަށް ރިޕޯޓުކުރުމަކީ ފުޓުބޯޅަ އާއިލާގެ ހިތްހަމަނުޖެހުން "މިހާރު" ނޫހަށް އަމާޒުވާ ސަބަބުކަމަށްވެސް ޖަވާޒް އެ ޕޯސްޓުގައި ލިޔުއްވިއެވެ.
ޖަވާޒް އެ އިޝާރާތްކުރެއްވި ކަމަކީ މިފަހުން ބައެއް ފުޓުބޯޅަ ކުލަބުތަކަކުން މިހާރު ނޫސް ބޮއިކޮޓް ކުރި ކުރުމަށްކަން ބެލެވެއެވެ. އެގޮތުން މިފަހުން ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބެއް ހިމެނޭހެން ކުލަބުތަކަކުން ވަނީ "މިހާރު" ނޫހަށް މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ބޮއިކޮޓްކޮށްފައެވެ. ކުލަބުތަކުން ބުނީ މިހާރު ނޫހުން ކުޅިވަރު ހަބަރުތައް ގެނެސްދޭ ގޮތާއި ދޭތެރޭ ހިތްހަމަނުޖެހޭކަމަށާއި އަދި އެނޫހުގެ ކޮލަމިސްޓެއް ލިޔާ ލިޔުމަކާއި ދޭތެރޭވެސް ކުލަބުތަކުން ވަނީ ފާޑުކިޔާފައެވެ.
ކުލަބުތަކުގެ އެ ބޮއިކޮޓް މީޑިއާގެ ބައެއް ފަރާތްތަކާއި މީޑިއާގެ ބެލެނިވެރި މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅި ހުރަހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނަމަވެސް ޖަވާޒް މިރޭ ކުރެއްވި ޕޯސްޓުގައި ވަނީ މިހާރު ނޫހުން ކަންކަން އޮޅުވާލައި ފިތުނަ އުފައްދަން މަސައްކަތްކުރާ ކުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެފްއޭއެމްގެ ބައެއް މުވައްޒަފުންނަށް މިދިޔަ ނޮވެމްބަރު މަހުގެ މުސާރަ ލިބުމުގައި ލަސްތަކެއް އުޅުނުކަމުގެ މައުލޫމާތުތަކެއް މީގެ ކުރިން ފެތުރުނުނަމަވެސް، އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް އޭރު ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިހާރު މުވައްޒަފުންގެ މުސާރަ ހަމޔަށް ލިބިފައިވާކަންވެސް މި ނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.