އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކްގެ 13 ބާވަތެއްގެ ތަކެތި ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކޮށްފިއެވެ.
އެ ތަކެއްޗަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ޕްލާސްޓިކް ތަކެއްޗެވެ. އެތަކެތި މަނާކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ ނެރުއްވި ގަރާރެއްގެއެވެ. މި ތަކެތި މަނާކުރަނި އަންނަ އަހަރުން ފެށިގެންނެވެ.
އަލަށް މަނާކުރި 13 ބާވަތުގެ ޕްލާސްޓިކް:
- ދިޔާ ތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ބާޒާރުކުރަން ބޭނުންކުރާ 50 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
- 50 މިލިލީޓަރާއި 200 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓްކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެއްޗާއި، ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮއްޓާއި، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ވަނީ މަނާކޮށްފައެވެ.