ކޮވިޑާހެދި ކުރިމަތިވި އިގްތިސޯދީ ދަތިތަކަށްޓަކައި ސަރުކަރުން ލޯނު ނުނެގިނަމަ ރައްޔިތުންނަށް ދިމާވި އެ ދަތި ހާލަތު އިތުރަށް ދިގުލައިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑާއި ގުޅިގެން 2019 ވަނަ އަހަރުގެ އިގްތިސާދު 33.5 ޕަސަންޓު ދަށަށްދިޔަކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުނީ 2020 ވަނަ އަހަރަށް އިގްތިސާދީ ގިނަ ކަންކަން ރާވާފައި ހުއްޓާކަމަށެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން އެ އަހަރުގެ އިގްތިސާދު 33.5 ޕަސަންޓުން ދަށަށް ދިޔަކަމަށާއި ދައުލަތަށް ކުރިން ލިބޭނޭކަމަށް އަންދާޒާކުރި 36 ބިލިއަން ރުފިޔާ ގެއްލިގެން ހިނގައިދާނެކަމަށް ބެލެވިފައިވާކަމަށެވެ.
"އެ އަހަރު އިގުތިސާދު 33.5 އިންސައްތައިން ދަށަށްދިޔަ. އަދިވެސް އަޅުގަނޑުމެންނަށް، އަދި މުޅި ދުނިޔެއަށްވެސް މިވަނީ މިކަމުން މުޅިން އަރައިނުގަނެވި. މި އިގުތިސާދީ ހީނަރުކަމާ ގުޅިގެން، ކޮވިޑް-19 ގެ ހާލަތު ދިމާނުވިނަމަ ދައުލަތަށް ލިބޭނެކަމަށް އޭރު އަންދާޒާކުރި އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާ ގެއްލިގެންދާނެ ކަމަށް މިހާރު ބެލެވޭ،"
މިނިސްޓަރު އަމީރު ވިދާޅުވީ އިގުތިސާދު މަޑުޖެހި ދައުލަތުގެ އާމްދަނީ މަދުވެގެންދިޔަ ވަގުތުގައި ސަރުކާރުން ބެލީ ދަރަނި ނަގައިގެން ނަމަވެސް އިގްތިސާދު ހިފަހައްޓައި އިޖުތިމާއީ ރައްކާތެރިކަމާއި ރައްޔިތުންގެ ސިއްހަތު ކަށަވަރުކުރެވޭތޯކަމަށެވެ. އަދި ދަރަނި ނަގައިގެންވެސް ރައްޔިތުން އެދަތި ހާލަތުން ވީ އެންމެ އަވަހަށް ސަލާމަތްކުރެވޭތޯވެސް ސަރުކާރުން ބެލިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން 22،946 މީހަކަށް 421 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށް، 110،966 ގޭބީސީއަކަށް ފެނުގެ ސަބްސިޑީ އަދި 276،203 ގެޔަކަށް ކަރަންޓު ބިލުގެ ސަބްސިޑީ ސަރުކާރުން ދިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުންވެސް ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނުތައް ދައްކަން ފަސޭހަކޮށްދީ، ދިވެހިންގެ ވަޒީފާ ގެއްލުނަ ނުދިނުމަށްޓަކައި އެކަމަށް ޝަރުތުކޮށް ވިޔަފާރިތަކަސްވެސް ލޯނު ދޫކުރިކަން އަމީރު ފާހަގަކުރެއްވިއެވެ.
"މިމަގުން ކުރި މަސައްކަތްތަކަށް ބަލާއިރު، ވަޒީފާ ގެއްލުނު އަދި މުސާރަ ދަށްވި 22،946 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ގެ ގޮތުގައި 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ. ކަންތައްތައް އެންމެ ގޯސްވި ހިނދު، ގޭބިސީތަކަށް ފަސޭހަކޮށްދީ، ޚަރަދުކުރަން ހުރި ފައިސާ މަދުވިޔަ ނުދިނުމަށްޓަކައި، 110،966 ގޭބިސީއަކަށް ފެން ބިލުން ޑިސްކައުންޓް ވާނީ ދީފަ. އަދި 276،203 ގޭބިސީއަކަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނިން،"
އަމީރު އިތުރަށް ވިދާޅުވީ، ސިއްހީ އަދި އިގުތިސާދީ ދާއިރާއަށް އިތުރު ޚަރަދުތައް ކުރަން ޖެހުނު ނަމަވެސް، 2020 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދު ބޮޑުތަނުން ކުޑަކުރެވުނުކަމަށެވެ. ނަމަވެސް އިގުތިސާދު ހުއްޓި ދައުލަތުގެ އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ 50 އިންސައްތަ ދަށްވުމުން ދައުލަތުގެ ދަރަނި އެ އަހަރުގެ ތެރޭގައި އިތުރުވިކަމަށެވެ. އަދި 2019 ވަނަ އަހަރު ނިމުނު އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން 79 އިންސައްތައިގައި ހުރި ދަރަނީގެ މިންގަނޑު، 2020 ވަނަ އަހަރު ނިމުނުއިރު ހުރީ 150 އިންސައްތައަށް އުފުލިފައިވާކަމަށެވެ.
ރާއްޖޭގެ ޑެފިސިޓް އިތުރުވީ ދަރަނި އިތުރުވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެއަހަރުގެ އުފެއްދުންތެރިކަންވެސް 33.5 ޕަސަންޓު ދަށަށް ދިޔުންކަމުގައެވެ.
ނަމަވެސް، ސަރުކާރުން ދަރަނި ނެގުމުގެ މަގު އިހްތިޔާރުކުރީ ދަރަނި ނަގައިގެންވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބެ ދުރުރާސްތާގެ ޕްލޭނެއްގެ ތެރެއިން، ރައްޔިތުންގެ ފުދުންތެރިކަމާއި ދިވެހި އިގުތިސާދު ވީއެންމެ އަވަހަކަށް އާންމު ހާލަތަށް އަނބުރާ ގެނައުމުގެ ބޭނުމުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާލަތުގައިވެސް ދަރަނި އިތުރުނުކުރުމަށް ވަކާލާތުކޮށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި. ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ ދަރަންޏެއް އެއް މިންގަނޑަކުން ވަޒަންކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް. އިގުތިސާދީ ފަހި ދުވަސްތަކުގައި ދަރަނި ދަށްކުރަން މަސައްކަތްކުރުމަކީ އޮންނަ ކަމެއް. އަދި އިގުތިސާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެންވެސް ޚަރަދުތައްކޮށް، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރައި ކުރިއަށް ގެންދިއުމަކީވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށް ވެގެންދޭ،"
އެއީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއްކަމަށާއި ކާރިސާގެ ހާލަތުގައި ދަރަނި ނުނަގައި ޚަރަދު ކުޑަކުރުމުގެ އަގު މަތިވެދާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތުގައި ކައުންޓަރ-ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ނުހިންގިނަމަ، ރާއްޖޭގެ އިގުތިސާދުގެ ހާލަތު ރަނގަޅުވާން އިތުރު ވަގުތު ހޭދަވާނޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.
"އަދި ރައްޔިތުންނަށް ދިމާވި ދަތި ހާލަތުވެސް ދިގުލައިގެން ދިޔައީސް،"
އަމީރު ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއި އިގުތިސާދު ހިފަހައްޓަން ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގެ ވެކްސިން ކެމްޕޭނަކި މިހާރު މުޅި ދުނިޔެއަށްވެސް ހުރި މިސާލެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރޭ މިންވަރު އަވަހަށް ކޮންޓްރޯލް ކުރެވުނުކަމަށާއި އެއާއި ގުޅިގެން އިގުތިސާދު މިހާރު ބާރަށް ކުރިއަރަންފަށާފައިވާކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު ތައްޔާރުކުރިއިރު މިއަހަރުގެ ރާއްޖޭގެ އުފެއްދުންތެރިކަން 31.6 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވުނުކަމަށެވެ. އެހެންނަމަވެސް މިހާރު ލިބެމުން އަންނަ ބޮޑެތި ކުރިއެރުންތަކާއެކު މި އަހަރު އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 38.5 ޕަސަންޓުގައި ހުންނާނެކަމަށް އަމީރު ލަފާކުރެއްވިއެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވޯލްޑް އިކޮނޮމިކް އައުޓްލުކްގެ ތަފާސްހިސާބުތަކުންވެސް މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރަށް ކުރިއަރާ ފަސް އިގްތިސޯދުގެ ތެރެއިން ރާއްޖެ ހިމެނިފައިވާކަންވެސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.