އެންމެ ކުޑަ އުޖޫރަ ދޭނީ އެލަވަންސެއްގެ ގޮތުގައި ކަމަށާއި، ސިވިލް ސަރވިސްގެ 11،828 މުވައްޒަފުންނަށް މި އެލަވެންސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލިބެއެވެ.
މިނިމަމް ވޭޖު ދޭން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މުސާރައާއެކުއެވެ. އެގޮތުން ޖެނުއަރީގައި މިނިމަމް ވޭޖު ލިބެން ފަށާ މުވައްޒަފުންގެ 50 ޕަސަންޓް މުވައްޒަފުންނަށް 1500 ރުފިޔާއިން މަތީގެ އަދަދެއް މުސާރައަށް އިތުރުވާނެއެވެ. އެއީ 5،928 މުވައްޒަފުންނެވެ.
ހަމައެއާއެކު 4،184 މުވައްޒަފުންނަށް 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައަށް އިތުރުވާއިރު، 1،286 މުވައްޒަފުންނަށް 500 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައަށް އިތުރުވާނެއެވެ. މިނިމަމް ވޭޖު އެލަވަންސްގެ ގޮތުގައި 500 އަށްވުރެ ދަށް އަދަދެއް އިތުރުވާނީ ސިވިލް ސާވެންޓުންގެ ތެރެއިން 430 މުވައްޒަފަކަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނީ އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސްތަކާއެކު 7،000 ރުފިޔާ ހަމަނުވާ މީހުންނަށެވެ. މި އެލަވަންސް ލިބޭނީ ސިވިލް ސާވެންޓުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި، މިނިމަމް ވޭޖު ލިބޭ މުވައްޒަފުންނަށް އަންނަ ޖެނުއަރީމަހުގެ 15ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެއެވެ. އަދި މުސާރައާމެދު މުވައްޒަފުންގެ ޝަކުވާއެއް އޮތްނަމަ، އެކަން ބެލުމަށްފަހު އަންނަ މަހުގެ މުސާރައާއެކު މިނިމަމް ވޭޖު އެލަވަންސް ދޭން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.