ހުލުމާލޭގެ މަސްޓާ ޕްލޭން.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރެޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ފޮނުވައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން އެ ކައުންސިލްގެ ފަރާތުން ހައި ކޯޓަށް ފޮނުވާފައިވާކަމަށެވެ. ހުޅުމާލެ ބިމުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލާއި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިގެން އައިއިރު، މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފަ އޮތް ހުޅުމާލޭގެ ބިމުގެ ރެޖިސްޓްރީ މިމަހުގެ ކުރީކޮޅު ބާތިލުކޮށްފައެވެ.

އެމައްސަލަ އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނެރުނު އަމުރުގައި ބުނީ، ސިޓީ ކައުންސިލުގެ ނިންމުން ތަންފީޒުކުރަން އެއްވެސް އިދާރާއަކުން ކަމެއް ނުކުރުމަށާއި، ހުޅުމާލޭގައި އެޗްޑީސީން ކުރަމުންދާ އެއްވެސް މަސައްކަތަކަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމަށެވެ.

ސިޓީ ކައުންސިލުން ދަނީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށާއި ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ކައުންސިލެއް ބަލަހައްޓާ ތަނަކަށް އެތަން ވާން ޖެހޭކަމަށް ބުނަމުންނެވެ. ނަމަވެސް އެޗްޑީސީން ބުނަނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއްކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށް ބުނަމުންނެވެ. އަދި ސިޓީ ކައުންސިލްގެ އަމަލުތަކުގެ ސަބަބުން އެ ކުންފުނިން ހުޅުމާލެއަށް ދޭ ހިދުމަތްތައް ދިނުމަށް ހުރަސްތައް އެޅެމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެ ހިޔާލުތަފާތުވުންތައް އޮއްވާ ދެން ފެނުނީ އެޗްޑީސީން ހުޅުމާލެ ފޭސް ދޭކުން ދެ ބާވަތެއްގެ ޖުމްލަ 60 ބިމެއް ބީލަމުގައި ވިއްކަން އިއުލާންކުރި ތަނެވެ. އެކަމާއި ދެކޮޅަށް ސިޓީ ކައުންސިލުން ވަނީ އެއީ ގާނޫނާ ހިލާފް ނިންމުމެއްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ މާލެ ރައްޔިތުން ނިކަމެތި ކުރުވުންކަމަށާއި އެޗްޑީސީ އުވާލުމަށްވެސް ގޮވާލައްވާފައެވެ. ނަމަވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ ބިން ވިއްކުމުގެ ފުރިހަމަ އިހްތިޔާރު އެކުންފުންޏަށް އެބަ އޮތްކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *