ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މިހިނގާ ރިޔާސީ ދައުރަކީ ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އައި އެންމެ ސާފުތާހިރު 5 އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިން ތާހިރުވެ ތިބެ ކަމަށް ވިދާޅުވީ އެމަނިކުފާނު ކަމަށާއި، މިހިނގާ ރިޔާސީ ދައުރަކީ ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އައި އެންމެ ސާފުތާހިރު 5 އަހަރު ކަމުގައި ދެންނެވީ އެމަނިކުފާނު ކަމާސެވެ.

އަދި މި ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާޅާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި ކަމުގައި ބުނާ ދުރޫސުލްއަހުލާގުގެ ފިލާވަޅު އަދިވެސް ހަނދާނުގައި ހުންނެވި ކަމަށެވެ. އަދި އެއީ އޭގެ ޒާތުގައި މައުނަވީ ވާޖިބެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނުވާނެކަމުގެ ފާޑުކިއުމާއި އަދި އިތުރަށް ވިސްނާލުމުގެ ނަސޭހަތާއި މަޝްވަރާ އެތައް ގޮތަކަށް އަޅުގަނޑަށް ލިބުނު. ނަމަވެސް ވާޖިބަކަށް ވައުދުނުވެ ހުންނާކަށް އަޅުގަނޑުގެ ޒަމީރު ޖާގައެއް ނުދިން،

ރައީސް ސޯލިހް ވިދާޅުވީ މި ދައުރަށް އަހަރެއް ވީތަނާހެން މުޅި ދުނިޔެ ހުއްޓުނު ކަމަށާއި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމުގެ ދަންތުރާގައި ދުނިޔޭގެ ހުރިހާ ގައުމެއް ޖެހުނު ކަމަށެވެ. ނަމަވެސް މި ބަލިމަޑުކަމަކީ ކުރުން ލާޒިމު ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކަރުން އެހެން ނުވެސް ހަދާނެ ކަމަށެވެ. އަދި އޭގެ އެންމެ ސާފު ސާދާ ހެއްކާއި ދަލީލާއި ހުއްޖަތު ސަރުކާރުން މިއަދު ގާއިމްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ދުވަހު ފެށި ކަމަށާއި، މަޝްރޫއުތައް ހަވާލުކުރަމުން، މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި އަވަަދިނެތި ސަރުކާރު ދެމިއޮތް ކަމަށެވެ. އެހެންކަމާއެކުވެސް މަސައްކަތް ހަވާލުނުވެ މިއަދާ ހަމައަށް ވަރަށް މަދު ރަށްތަކެއް ހުރި ކަމަށާއި އެއީ 16 ރަށެއްގެ ނަރުދަމާއާއި 23 ރަށެއްގެ ފެނުގެ ނިޒާމު ކަމަށް އެމަިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރޮޅު އިންގިލާބުވެގެން މިދަނީ ތަރައްގީގެ މުޅިން އެހެން މަރުހަލާއަކަށް. ސައިޒުން ކުޑަ އަދި ބޮޑަސް، މީހުން މަދަސް އަދި ގިނަޔަސް ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް ފަރަގުކޮށް، ތަފާތުކޮށްފައެއް ނޯންނާނެ. މިއަދުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރާ އެއްވެސް ރަށެއް ނޯންނާނެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހުރިހާ ރަށެއްގެ ފެނުގެ ނަރުދަމާއޭ ބުނެލުން ފަސޭހަ ކަމުގައިވީ ނަމަވެސް އެއީ ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކަށް ނިމިފައި ވަނީ 69 ރަށެއްގެ ނަރުދަމާއާއި 36 ރަށުގެ ފެނުގެ ނިޒާމު ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ އެ ހުރިހާ ސަރުކާރުތަކުގެ ވެރިންނަށް ޝުކުރު ދަންނަވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން އެކަން ކޮށްފައި ނުވިނަމަ މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އިތުރ ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަށް ދީ ނުދެއްވާނެ ކަން އެމަނިކުފާނު ފާޙަގަ ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *