ރައީސް ސޯލިހް -- ފޮޓޯ ރައީސް އޮފީސް

މާލެ ރައްޔިތުންނަށް ހާއްސަކޮށްގެން 4000 ގޯތި ދޭން ރާވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ގާއިމްކުރަން ޖެހޭއިރު، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއްކަމަކީ މާލޭ ރައްޔިތުންނަށް ގޯތިގެދޮރު ހަމަޖައްސައި ދިނުން ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު ކަމެއްގެ ގޮތުގައި ދެކި، އެ ވާހަކަ ދައްކާ ވަރަށް ގިނަ ރައްޔިތުން އުޅޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއާ ޚިލާފަށް ސިޔާސީ ފައިދާ ހޯދުން ހިމެނޭހެން އެކިއެކި ބޭނުމުގައި ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ މީހުންނާއި ކަނޑައެޅިގެން ކަން އޮތްގޮތް އެނގިހުރެ މިވާހަކަ ދައްކާ މީހުން އުޅޭ ކަމަށެވެ.

އެ ހުރިހާ ވާހަކައެއްވެސް އަޑުއަހާނެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މާލޭ ރައްޔިތުްނގެ ބޯހިޔާވަހިކަމާއި ގޯތީގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނީ މި ސަރުކާރުން ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މިހާރުވެސް ހުޅުމާލޭގައި 5000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރަށް ވެސް މާލެގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެއް ނޫން، ހުޅުމާލެއިން ވެސް ގޯތި ލިބޭނެ އަދި އެހެން ފަޅުތަކުން ވެސް ލިބޭނެ. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ދެގުނަ، ތިން ގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލެއިން ގޯތި ވިއްކުމަށް އެޗްޑީސީން އިއުލާން ކުރުމުން، އެކަމާ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ފާޑުކިއުން އަމާޒުވެފައި ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން މުއްސަނދިންނަށް ގޯތި ވިއްކާ ކަމަށް ބުނެއެވެ. ނަމަވެސް މިކަމަސް ރައްދު ދީ، ރައީސް ސޯލިހް މިވަނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *