ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭތީ ކަމާބެހޭ އިދާރާތައް ގޮވައިން ކޯޓަށް ދާން ތައްޔާރުވެއްޖެއެވެ.
މި މައްސަލާގައި ސިއްހީ ޚިދުމަތްތެރިން ތަމްސީލު ކުރަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރެވެ. އެ ސެންޓަރާއި، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ނެރުނު ނޫސްބަޔާނުގައި ބުނީ، ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 މުވައްޒަފުންނާއި އެ މުވައްޒަފުން ނިސްބަތްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުންނެވެ.
މި މައްސަލައަކީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ސިވިލް ސާވިސްގެ ސިއްހީ ޚިދުމަތްތެރިންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައި ނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް ބުނެ ހުށަހަޅާ މައްސަލައެކެވެ.
މިއީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށްވާތީ، ކޯޓަށް ހުށަހެޅީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔަރުކޮށް ތަންފީޒުކުރުމަށް ސިވިލް ސާވިސް ކޮމިޝަނާއި، ހެލްތް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.