މާލެ ސިޓީ.

މާލެ ސިޓީއެއްގެ ގޮތުގައި އޮވެގެން މާލޭގެ ރައްޔިތުންނަށްވާ އެއްވެސް ފައިދާއެއް ނެތްކަމަށާއި އޭގެ ބަދަލުގައި މާލެ ސިޓީ އޮންނަނީ ހައްގުތަކުން މަހުރޫމުކުރެވި "ފިޔަކޮށާލާފައި" ކަމަށް ބުނެ މާލެ ސިޓީ އުވާލައި ރަށެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިސްލާހެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އިސްލާހެއް ހުށަހަޅުއްވަން ތައްޔާރުވެވަޑައިގެންފިއެވެ.

އެ އިސްލާހާ ގުޅޭގޮތުން މެމްބަރު ރަޝީދު 'ޖަޒީރާ' އަށް ވިދާޅުވީ އިސްލާހުގެ ހަގީގީ މަގްސަދަކީ މާލެ ސަރަހައްދުގައި އޮތް ތޮއްޖެހުން ކުޑަކުރުމާއި އިޖްތިމާއީ މައްސަލަތައް ކުޑަކޮށް، މާލެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުންކަމަށެވެ. އަދި މާލެ ސިޓީގައި ހިމެނޭ އެހެން ސަރަހައްދުތަކެއް ހުރިނަމަވެސް، އެތަންތަންވެސް ހުރީ މާލެއަށް ނުވަތަ މާލޭގެ ރައްޔިތުންނަށް ފައިދާވާފަދަ ގޮތަކަށް ނޫންކަމަށް މެމްބަރު ރަޝީދު ވިދާޅުވިއެވެ.

"ހުޅުމާލެވެސް މާލޭގެ ބައެއްގެ ގޮތުގައި އޮންނައިރު، އެތަން މި އޮންނަނީ ކުންފުންޏެއްގެ ދަށުގަ. އެތަނުން މާލެ ރައްޔިތުންނަށް ބިމެއްހާތަންވެސް ހައްގެއް ނުލިބޭ. ދެން ހުރި ތަންތަންވެސް ހަމަ އެހެން އޮތީ. އެހެންވީމަ ހަމައެކަނި ނަމެއްގަ ސިޓީއެކޭ ކިޔުމުގެ ބޭނުމެއް ނެތް. މާލެއަށް ލިބޭ ހައްގުތަކެއް ނެތް، އޮންނަނީ ފިޔަކޮށާލާފަ،"

މެމްބަރު ރަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ތިން ޖީލެއްގެ މީހުން ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ދިރިއުޅުމާއިގެން ކުރިޔަށް ނުދެވިފަ އެބަތިބިކަމަށެވެ. އަދި މާލެ ސަރަހައްދުގައި އިޖުތިމާއީ މައްސަލަތައް އެވަރަށް ހުރިއިރު، މާލޭގެ މުނިސިޕަލްޓީ ހިދުމަތްތައްވެސް މިހާރު ނުދެވޭކަމަށް މެމްބަރު ރަޝީދު ފާހަގަކުރެއްވިއެވެ.

މެމްބަރު ރަޝީދު ވިދާޅުވީ މާލެއަށް ވެރިކަންކުރާ ރަށްކަމަށްވާތީ ސިޓީ ކިޔުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި މިހާރު މާލޭގެ މުނިސިޕަލް ކަންކަން ހިންގަން ތިބި ފަރާތްތަކުގެވެސް މައިގަނޑު އަމާޒަކީ ސަރުކާރަށް ޖަދަލުކުރުންކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނެތްއިރު، މިހާރު ޓެކްސް ފައިސާއިން ބިން ހިއްކަން ފަށާފައިވާތީ އެކަމަށްވެސް މެމްބަރު ރަޝީދު ފާޑުވިދާޅުވިއެވެ.

"ދެން މިގޮތަށް ވަކިކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާއިރު، އެބަޖެހޭ މި ގްރޭޓާ މާލެ ސަރަހައްދުވެސް ކަނޑައަޅަން. ދެން ބޯހިޔާވަހިކަމުގެ ކަންކަންވެސް ފަށަން. ވެށިފަހި މާލެވެސް އޮތް މެނިފެސްޓޯގަ، އެކަމަކު އެކަމެއް ނުއެއް ފެށުނުތާ، ބާކީ ވެރިކަމަށް މިއޮތީ ދޮޅު އަހަރެއްހާ ދުވަސް،"

މެމްބަރު ރަޝީދު ވިދާޅުވީ ބިން ހިއްކަނީ ޓެކްސް ފައިސާއިން ކަމުން އެ ބިމަށް ހައްގު ކޮންމެ ފަރާތަކަށްވެސް އޮންނަން ޖެހޭނެކަމަށެވެ. ނަމަވެސް މިހާރު ކަންކަން ވަނީ އެހެނެއް ނޫންކަމަށް ވިދާޅުވެ އޭނާ ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

"އެހެންވީމަ މި ހުރިހާ ކަމެއްގެވެސް ހައްލަކަށް ވާނެ ކަމަށް ދެކޭތީވެ އެ އިސްލާހު ލަމަރުކަޒީ ގާނޫނަށް ހުށަހަޅަން ނިންމީ. މާލެ ރަށެއްގެ ދަރަޖައަށް ގެނައުމަށް އަނެއްކާވެސް،"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *