ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު-- ފޮޓޯ: އަވަސް

ހުޅުމާލެއިން ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރީ ގާނޫނުތަކާއި އެއްގޮތަށްކަމަށާއި އަދި އެކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން، ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް އެބައޮތްކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގައި ބިން ވިއްކުމަށް އެޗްޑީސީން ނިންމި ނިންމުމަކީ ލާމަރުކަޒީ ގަނޫނާ ހިލާފް ނިންމުމެއްކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުނި ބުނުމަށް ރައްދުދެމުން އެޗްޑީސީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގެ ގާނޫނީ މިލްކުވެރިފަރާތަކީ އެކުންފުނި ކަމަށެވެ. އެހެންކަމުން އެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެބިމުން ތަސައްރުފް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އެޗްޑީސީއަށް ލިބިދީފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ބިމަކީ ސިޓީ ކައުންސިލުގެ އިދާރީ އިހްތިސާސް ހިނގާ ސަރަހައްދުގައި ވާ ބިމެއްނަމަވެސް، ހުޅުމާލެއަކީ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމެއްގެ މައްޗަށް ހިނގާ ބިމެއް ނޫންކަމަށެވެ. އަދި އެކަން ލާމަރުކަޒީ ގާނޫނުން އެނގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުންޏަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިދީފައިވާ ވަކި ގާނޫނީ ޝަޚްސެއް ކަމަށެވެ. އަދި އެކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން، ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގެ ސަބަބުން އެ ކުންފުނީގެ ގާނޫނީ ހައްގަކަށް އުނިކަން އައިސް، އިންވެސްޓަރުންނާއި އާންމުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭކަމަށެވެ. އަދި އެ ބަޔާނަކީ އޭގައި ހަގީގަތާއި ޚިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނެއްކަމަށް ބުނެ އެޗްޑީސީން ވަނީ ސިޓީ ކައުންސިލްގެ އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފޭސް ދޭކުން ގޯތި ވިއްކަން ނިންމި ނިންމުމަކީ ގާނޫނާއި ޚިލާފް ނިންމުމެއް ކަމަށް ސިޓީ ކައުންސިލުން ބުނުމަކީ ސިވިލް ކޯޓުން ސިޓީ ކައުންސިލްގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފު ކަމެއް ކަމަށެވެ.

އަދި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ގޮތުގައި ގާނޫނީ ހައްގުތަކާއި، ހުޅުމާލޭގެ ބިމާއި ގުޅިގެން ކުރާ ހުރިހާ ކަމެއްގެ އިތުރުން ހުޅުމާލެ ތަރައްގީ ކުރުމާއި ބެލެހެއްޓުމުގެ ހައްގު އެޗްޑީސީއަށް ލިބިދީފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުންވެސް ރާއްޖޭގެ ކޯޓަކުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެހައްގުތަކަކީ ގާނޫނީ ގޮތުން އެޗްޑީސީއަށް ލިބިދީފައިވާ ހައްގެއްކަމަށާއި ސިޓީ ކައުންސިލުން މިފަހަކަށް އައިސް، އެޗްޑީސީގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ބަޔާންތައް ނެރުމުގެ ސަބަބުން އެކުންފުންޏަށް ގެއްލުންވަމުންދާކަމަށްވެސް އެޗްޑީސީގެ އެ ބަޔާނުގައި ބުނެއެވެ. އެޗްޑީސީން ވަނީ އެފަދަ ކަންކަން ތަކުރާރުނުކުރުމަށްވެސް ސިޓީ ކައުންސިލްގެ މައްޗަށް ގޮވާލާފައެވެ.

އެޗްޑީސީއާ މާލެ ސިޓީ ކައުންސިލާ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަކީ ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާއި ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކެކެވެ. ސިޓީ ކައުންސިލުން ދަނީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށާއި ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ކައުންސިލެއް ބަލަހައްޓާ ތަނަކަށް ވާން ޖެހޭކަމަށް ބުނަމުންނެވެ. ނަމަވެސް އެޗްޑީސީން ބުނަނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއްކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށް ބުނަމުންނެވެ.

ބިމުގެ މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ މިމަހުގެ އަށްވަނަ ދުވަހު އެޗްޑީސީއަށް ދީފަ އޮތް ހުޅުމާލޭގެ ބިމުގެ ރެޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރުމާއެކުގައެވެ. އެމައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން ވަނީ އެނިންމުން ތަންފީޒުނުކުރަން އަންގައި ވަގުތީ އަމުރެއް ނެރެފައެވެ. އެމައްސަލަ ސިޓީ ކައުންސިލުން ވަނީ އިސްތިއުނާފަށް ހުށަހަޅަން ނިންމާފައެވެ.

އެހެން އޮއްވާ ދެން ފެނުނީ އެޗްޑީސީން ހުޅުމާލެ ފޭސް ދޭކުން ދެ ބާވަތެއްގެ ޖުމްލަ 60 ބިމެއް ބީލަމުގައި ވިއްކަން އިއުލާންކުރި ތަނެވެ. އެކަމާއި ދެކޮޅަށް ސިޓީ ކައުންސިލުން ވަނީ އެއީ ގާނޫނާ ހިލާފް ނިންމުމެއްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ މާލެ ރައްޔިތުން ނިކަމެތި ކުރުވުންކަމަށާއި އެޗްޑީސީ އުވާލުމަށްވެސް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *