އެމްއޭސީއެލުން ރާއްޖޭގައި ގާއިމް ކުރާ އެންމެ ފުރަތަމަ އެއަރޓްރެފިކް ސިމިއުލޭޓަރ ހުޅުވައިފިއެވެ.
އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލް އިމާރާތުގައި މި ސިމިއުލޭޓަރ ހުޅުވައިދެއްވީ އެމްއޭސީއެލްގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހިމް ތޯހާއެވެ. 4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމްކޮށްފައިވާ މި ސިމިއުލޭޓަރަކީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްވެސް ސިމިއުލޭޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ ސިމިއުލޭޓަރެކެވެ.
އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު ސިމިއުލޭޓަރު ގާއިމްކުރުމާއި އެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އެއަރޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީންކުރުމަށް އެމްއޭސީއެލުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ސިމިއުލޭޓަރ ހުޅުވުން -- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލުން ބުނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލިޖީއާއެކު ގާއިމްކޮށްފައިވާ މި ސިމިއުލޭޓަރުން ރަާއްޖެއާއި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާއި އެއްގޮތައް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްގީކޮށްފައިވާ ރަންވޭގެ އޮޕަރޭޝަނަށް އެއަރޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ތަމްރީންތައްވެސް ވެސް މިސިމިއުލޭޓަރއިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ސިމިއުލޭޓަރ ގާއިމްކުރުމާއެކު އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީންކުރުމަށް އެމްއޭސީއެލުން ކުރަމުންދާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެއެވެ. އެގޮތުން މިހާރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓަވަރ ކޮންޓްރޯލް ޓްރެއިނިންގ އަދި އެއަރޕޯޓްގެ އައު ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް، ސިމިއުލޭޓަރާ ނުލާ ރާއްޖެއިން ބޭރުންކުރިއަށް ގެންދާނަމަ 6.9 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ނަމަވެސް މި ސިމިއުލޭޓަރ ސިސްޓަމް ގާއިމްކުރުމާއެކު، މި ޚަރަދަކީ އެ ކުންފުންޏަށް ސަލާމަތްކުރެވޭނެ ޚަރަދުތައް ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ސިމިއުލޭޓަރ ސަޕްލައިކޮށް އިންސްޓޯލްކޮށްފައި ވަނީ އެއަރޓްރެފިކް ކޮންޓްރޯލް އަދި އެއަރ ޑިފެންސް ސިމިއުލޭޓަރތައް އިންސްޓޯލްކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވްއިންނެވެ. މިހާރު ސިމިއުލޭޓަރއިން އެއަރޕޯޓް ރަންވޭގެ 240 ޑިގްރީ ފެނުނު ނަމަވެސް 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. މިސިމިއުލޭޓަރ ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓްތަކަށް ބިނާކޮށެވެ.