ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީއާއި އިގްތިސޯދީ ހަރަކާތްތައް ފުޅާވެގެންދާއިރު ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ދާއިރާއިން މީހުން ބިނާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހުޅުވި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ. މި ސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިއަދުން ފެށިގެން ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި މި ސަރުކާރުން މިފަދަ މަޝްރޫއެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މި ސަރުކާރުން ވެސް އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާއަތްތަކުން މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖޭގެ އުމްރާނީ ތަރައްގީ ކުރިއަރަމުންދާ ވަރަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ވެސް ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނުކުމެ އެކަކު އަނެކަކު ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *