ކ. މާފުށްޓަށް އަލަށް އިތުރު ކުރި ބިމާއި، ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ހިއްކި ބިމާއި ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސަރުކަރުގެ ފަރާތުން މި ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.
މާފުށީ ކައުންސިލުގެ ފަރާތުން މި ބިމާއި ޕިކްނިކް އައިލެންޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް، ހަސަން ސަލާހެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލާހް ވިދާޅުވީ، މާފުށިން ރައްޔިތުންނަށް އެންމެ ފަހުން ބިން ދޫކޮށްފައި ވަނީ މީގެ ވިއްސަކަށް އަހަރު ކަމަށެވެ. މާފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަންކަންފާހަގަ ކުރައްވާ ސަލާހު ވިދާޅުވީ، އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށަށް ވަޑައިގެން ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަށެވެ.
ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅު ފުރިހަމަ ކުރައްވާފައިވާކަން ފާހަގަ ކުރައްވާ މާފުށީ ކައުންސިލްގެ ރައީސް ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް، މާފުށީ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.