ރާއްޖޭގައި ހިންގާ ފުރަތަމަ ދިވެހި އޭވިއޭޝަން އެކަޑަމީ ހުޅުވައިފިއެވެ.
އައިލެންޑް އޭވިއޭޝަން އާއި، މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީ ގުޅިގެން ފްލައިން ސްކޫލް ހިންގަނީ މޯލްޑިވިއަންއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި ގުޅިގެންނެވެ. އެކަމަށް ޗެކް ރިޕަބްލިކް ހޮވާފައި ވަނީ އޯޕަން ބިޑަކުންނެވެ.
މި އެކެޑަމީ މިއަދު ރަސްމީކޮށް ހުޅުވީ އެކަމަށް ހާއްސަކޮށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން އާއި، އެމްއެންޔޫގެ އިސްވެރިންގެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަދި ނައިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އެ އެކަޑަމީން ކޮންމެ އަހަރަކު ވެސް 80 ދަރިވަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު، އިސްކަން ދެނީ މީގެ ކުރިން އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ކޯސް ފަށައި އެކި ސަބަބުތަކާ ހުރެ ކޯސް ނުނިމި ތިބި ދަރިވަރުންނަށް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ކުދިންގެ ކޯސްތައް މެދުކެނޑި ގިނަ ދުވަސްތަކެއް ވެފައިވާތީ އެންމެ ފުރަތަމަ ދެ މަސް ވަންދެން ކުރިއަށް ގެންދާނީ ރިފްރެޝަރސް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށް ދާނެ ކަމަށް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ އަދި މިހާތަނަށް އެ އެކަޑަމީން ދޭން ހަމަޖެހިފައިވަނީ ހަމައެކަނި ފްލައިން ޓްރެއިނިން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އޭވިއޭޝަން ދާއިރާގެ އިތުރު ޓްރެއިނިންތައް ވެސް ދޭނެ ކަމަށް ވިދާޅުވިއެވެ.
މި ފްލައިން ސްކޫލް ހިންގަން ހަމަޖައްސާފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ވެފައިވާ އެއްބަސްވުމުގައިވާގޮތުން ފްލައިން ސްކޫލުގެ ބޭނުމަށް، ގަން އެއާޕޯޓުގައި ހުންނަ ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް ނަގާނެއެވެ. އަދި އެތަން ހިންގުމަށް ބޭނުންވާ ސާމާނު ހޯދައި ހަމަކޮށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.