މޭޔަރު މުއިއްޒު. ފޮޓޯ: ސަން

މާލޭގެ ރައްޔިތުންގެ ހައްގުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އުވާލަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް އިއުލާނު ކުރުމާއި ގުޅިގެންނެވެ.

މުއިއްޒު ވިދާޅުވީ އެޗްޑީސީއަކީ މާލޭ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހެއްކަމުގައެވެ. އަދި އެޗްޑީސީ އުވާލައި މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް އެއީ ގާނޫނާ އެއްގޮތަށް ކައުންސިލުން ބަލަހައްޓާ ތަނަކަށް ވާން ޖެހޭ ކަމަށް ވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު، ސިޓީ ކައުންސިލުން ވަނީ ބިން ބީލަމުގައި ވިއްކާލުމަށް ހުޅުވާލި ހުޅުވާލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ކައުންސިލުން އެ މައްސަލައިގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއިން ބިން ވިއްކަން އިއުލާންކުރި އިރު ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ކަމާ ބެހޭ ފަރާތްތަކުން މާލެ ސިޓީ ކައުންސިލަށް އެކަން އަންގައި މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކާލުމަށް ނިންމާ، އިއުލާނުކޮށްފައެވެ. އެ ކުންފުނިން ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަ ފޫޓަށްވުރެ ބޮޑު ބިމެއްގެ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

އެޗްޑީސީގެ މި ނިންމުމަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް އިރު، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވެ، އެ ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *