ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް. ފޮޓޯ: ހައުސިން މިނިސްޓްރީ

މާލެއާ ކައިރި ސަރަހައްދަކުން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ ކައިރިން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެ ފުރަތަމަ ވިދާޅުވީ މި އަހަރުގެ މާޗު މަހު އެވެ. އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަސް ތެރޭ ޕްލޭނިން މިނިސްޓްރީން ވަނީ އެމަޝްރޫގެ ޕްލޭން މިއަހަރު ނިމުމުގެ ކުރިން އިއުލާންކުރާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ބިން ހިއްކައިގެން ގޯތި ދެނީ ކޮން ސަރަހައްދަކުންކަމެއް އެ މިނިސްޓްރީން އޭރު ހާމަކޮށްފައެއްނުވެއެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދު 'ޖަޒީރާ' އަށް ވިދާޅުވީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ނިންމާފައިވާ ނިންމުމުގެ ދަށުން މާލެ ކައިރި ސަރަހައްދަކުން ބިން ހިއްކައިގެން ގޯތި ދޭން ނިންމާފައިވަނީ ގުޅީފަޅުންކަމަށެވެ.

"މާލެ ކައިރިން ބިން ހިއްކައިގެން ގޯތި ދޭން ނިންމާފައިވަނީ ގުޅީފަޅުން. އެގޮތުން ގުޅީފަޅު ޕޯޓާއިއެކު ހިއްކާ ސަރަހައްދުން ގޯތި ދޭން ނިންމާފައިވަނީ. އެއީ ހަދާންވާ ގޮތުންނަމަ 180 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް،"

މި ސަރުކާރުން ވަނީ ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭނާއެކު އެތަނުގެ ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ބިން ހިއްކަން ސަރުކާރުން ވިސްނާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ، މާޗް މަސް ތެރޭ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބުމުގެ މައްސަލައަކީ މާލެއަށް ނިސްބަތްވާ ގިނަ ބައެއްގެ ހުރި އެތައް ދުވަހެއްގެ ކަންބޮޑުވުމެކެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން "ރަށްވެހި ފަތިސް" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕޭނު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭރު އެކަމާއި ގުޅިގެން ރައީސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރު އަސްލަމް ބިން ހިއްކައިގެން ގޯތި ދޭން ގަސްދުކުރާކަމަށް މަޖިލީހުގައި ވިދާޅުވީ އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ރައީސް ފަހުން އިއުލާންކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.

"މި އުއްމީދަށް އަޅުގަނޑަށް އިތުރު ޔަގީންކަމެއް ލިބެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން މާލޭގެ ރައްޔިތުންނަށް 1،000 އަކަ ފޫޓަށް ވުރެ މަދުނޫން 5،000 ގޯތި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުން."

"އަޅުގަނޑަށް އެނގެނީ ސަރުކާރުގެ ވިސްނުމެއް އެބަ އޮތްކަން؛ އިތުރު ބިމެއްގެ ވިސްނުމެއް، މާލޭ ރައްޔިތުންނަށް. މިކަން އިއުލާނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. ރައީސް އެކަން އިއުލާނު ނުކުރައްވާ އެ އޮތީ އެ މަޝްރޫއު އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަށް ގެންދެވޭ ހިސާބަށް، އަދި އެވަރަށް ފާމްކަމާ އެކީގައި ކުރެވެން ނެތީމާ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެވާހަކަ ވިދާޅުވެފައި އެ އޮތީ،"

މިނިސްޓަރު އަސްލަމް ވަނީ އެ މަޝްރޫއަށްޓަކައި ބޭނުންވާ ލޯނު ނެދަލެންޑްސްގެ މަލްޓިނެޝަނަލް ފައިނޭންޝަލް ސާވިސްއެއް ކަމުގައިވާ އައިއެންޖީ ބޭންކުން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭރު ވިދާޅުވެފަ އެވެ.

އިއްޔެ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލެ ފޭސް ދެކުން 60 ގޯތި ބީލަމުގައި ވިއްކަން އިއުލާންކުރުމާއެކު މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭ މައްސަލަ އަނެއްކާވެސް މިވަނީ މިހާރު ހޫނުވެފައެވެ. އެޗްޑީސީގެ އެ ނިންމުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ފާޑުވިދާޅުވެފައެވެ. ސިޓި ކައުންސިލުން ވަނީ އެޗްޑީސީގެ އެ ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއްކަމަށްވެސް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *