އިއްޔެ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް ދޭކުން 60 ބިން ބީލަމުގައި ވިއްކަން އިއުލާންކުރީ މާލެ ސިޓީ ކައުންސިލަށް އެކަން ނާންގައި މަޝްވަރާނުކޮށްކަމަށާއި އަދި އެގޮތަށް ބިން ވިއްކަން ނިންމި ނިންމުމަކި ލާމަރުކަޒީ ގާނޫނާ ހިލާފް ނިންމުމެއްކަމަށް އެކައުންސިލުން ބުނެފިއެވެ.
ހުޅުމާލެއިން ބިން ވިއްކާ މައްސަލައިގައި ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އިއުލާންކުރި އިރު ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ކަމާ ބެހޭ ފަރާތްތަކުން މާލެ ސިޓީ ކައުންސިލް އަށް އެކަން އަންގާ މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި އެގޮތަށް ބިން ބީލަމުގައި ވިއްކާލުމަށް ހުޅުވާލި ހުޅުވާލި ހުޅުވާލުމާއި ދޭތެރޭ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ހުޅުމާލެ އަކީ މާލެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިރު އެފަދަ ބިމެއް ބޭނުންކުރާނަމަ އެކަމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ.
އަދި މާލެ ސިޓީގައި ދިރިއުޅޭ މާލޭގެ ރައްޔިތުންގެ ތެރެއިން މިހާރުން މިހާރަށް ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން އެބަތިބިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އެފަދަ ރައްޔިތުން ތިއްބައި އެމީހުންނަށް ބިން ލިބޭނެ މަގު ފަހިކޮށްނުދީ ބިން ވިއްކަން ހުޅުވާލުން ސިޓީ ކައުންސިލުން ވަނީ ނެރުނު ބަޔާނުގައި ކުށްވެރިިކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ގާނޫނާއި ޚިލާފްކަމެއް
ކައުންސިލުން ބުނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީގެ މައްސަލަ އިސްތިއުނާފްކުރަން ނިންމާފައި ވަނިކޮށް ހުޅުމާލޭގެ ބިމުގެ ވެރިފަރާތާއިމެދު ވަކިގޮތެއްނުނިމި ކޯޓު މަރުޙަލާގައި އޮއްވައި އެޗްޑީސީއިން ހުޅުމާލެއިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން އެޗްޑީސީއަށް ކުރެވޭނެ ކަމެއްނޫން ކަމަށެވެ. ސިޓީ ކައުންސިލުން ވަނީ އެ ސަބަބުތަކަށްޓަކައި ސަރުކާރުގެ މި ސިޔާސަތު ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ގޮވާލިއެވެ.