އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެންމެ ފަހުން ތިއްބެވި މެމްބަރުންތައް. ފޮޓޯ: ސަން

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފިއްތުންތައް ކުރިމަތިކުރުވާކަމަށާއި އަދި ކޮމިޝަނުގެ މަސައްކަތްތަކަށް ނުފޫޒުފޯރުވާކަމަށް ބުން، އެކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގައި އަމަލުކުރި ގޮތާއި ދެތެރޭ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕެރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިދިޔަ އާދިއްތަ ދުވަހު އޭސީސީގެ މެންބަރުން ވަކިކުރަން ނިންމި ނިންމުމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަމަށެވެ. ކޮމިޓީން އެގޮތަށް ނިންމާފައި އޮއްވާ އޭސިސީގައި ތިއްބެވި ތިން މެމްބަރުންވެސް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ.

ޓްރާންސްޕެރެންސީން ނެރުނު ބަޔާނުގައި މަޖިލީހުގެ ކޮމިޓީން އޭސީސީ މެމްބަރުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށްފަހު ފިޔަވަޅުއެޅުމުގެ ގޮތުން ކުރި މަސައްކަތްތަކާއި ގުޅިގެން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އޭސީސީގެ ހިންގުމަށް ހެދި ޕާފޯމަންސް އޮޑިޓުގައި ހުރި މައްސަލަތައް ފާހަގަކުރިއެވެ.

އެގޮތުން އޮޑިޓުގައި ބެލި ގިނަ މަސައްކަތްތަކަކީ މިހާރުގެ ދައުރުގެ މެންބަރުންގެ ކޮމިޝަނާއި ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކެއްކަމާއި އަދި ފަހުން އައްޔަނު ކުރެވުނު މެންބަރުންގެ މަސައްކަތްތައް ޖުމްލަކޮށް އަދި ވަކި ވަކިން ވެސް އަލިއަޅުވާލެވިފައިނުވާކަމަށް އެޖަމިއްޔާއިން ބުނެއެވެ. އޭގެ އިތުރުންވެސް އޭސީސީގެ މެމްބަރުންނަށް ބިރުދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒުފޯރުވުމަށާއި އެމުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލުހިންގުމަށް މަގުފަހިކުރުމަށް ކަމަށް ބެލުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް ޓްރާންސްޕެރެންސީން ބުނެއެވެ.

ޓްރާންސްޕެރެންސީން ބުނީ އޭސީސީގެ އޮޑިޓުގައި ފާހަގަކުރިމައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި އޭސީސީއަށް އެ މައްސަލަތައް ހައްލުކުރުމަށް އަދި ހައްލުކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓާއި ވަސީލަތްތައްވެސް ފޯރުކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް، އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި އެންމެ މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަކަމަށް ޓްރާންސްޕެރެންސީން ނެރުނު ބަޔާނުގައި ބުނެއެވެ.

އަދި ހަމައެއާއެކު މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންޑޭޓް އަދާކުރުމަށް ބޭނުންވާ ބަޖެޓާއި މާލީ މިނިވަންކަން އަދި ހިންގުމުގެ މަސައްކަތް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކާއި ނިޒާމުތައް ހޯދައިދިނުމުގައިވެސް ސަރުކާރާއި މަޖިލީހުން ސިޔާސީ ގޮތުން ނުކުޅެދިފައިވާކަމަށް ޓްރާންސްޕެރެންސީން ބުނެއެވެ.

އެޖަމިއްޔާއިން ވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ ފިއްތުންތައް މިނިވަން މުއައްސަސާތަކަށް ކުރިމަތިކުރުވައި އެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ސިދާ ގޮތުން ނުފޫޒު ފޯރުވަމުންދާކަމަށެވެ. އަދި އެ ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަންވެސް އެފަދަ ފަރާތްތަކުން މަސައްކަތްކޮށްފައިވާކަމަށް ޓްރާންސްޕެރެންސީން ބުނެއެވެ. ޓްރަންސްޕެރެންސީން ވަނީ އެސަބަބުތަކަށްޓަކައި އޭސީސީގެ ހިންގުމަށް ނުފޫޒުފޯރުވުމަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށާއި އަދި ކޮމިޝަންގެ މެންބަރުން ވަކިކުރުމުގައި އަމަލުކޮށްފައިވާގޮތާއި ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މިހާރު ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމުގެ މަގާމަށް ސަރުކާރާއި މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ދިގުލައި ލަސްކުރުމުގެ ސަބަބުން، ރައްޔިތުންގެ ހައްގުތަކެއް މީގެ ކުރިންވެސް ގެއްލިފައިވާކަމަށް ތްރާންސްޕެރެންސީން ބުނެއެވެ. އަދި އޭސީސީގެ މެމްބަރުންގެ ގޮނޑިތައް ދިގުމުއްދަތަކަށް ހުސްވެއްޖެ ނަމަ، ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ އެ މުއައްސަސާގެ ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުވެސް ކުރާނޭކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އޭގެ އިތުރުންވެސް މިހާރު ކުރިއަށްދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް މެދުކެނޑުމުގެ ފުރުސަތުބޮޑުވެ، އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވާނޭކަމަށް ޓްރާންސްޕެރެންސީ ބުނެއެވެ.

އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުން މެދު ކެނޑުނަ ނުދިނުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުން މަޑުޖެހުނަ ނުދިނުމަށްޓަކައި، އޭސީސީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ވަގުތު ނަގާނުލާ އަވަހަށް ކުރިއަށްގެންދިއުމަށް ގޮވާލާފައެވެ. އަދި އޭސީސީއަށް އައްޔަނުކުރެވޭ މެންބަރުންނަކީ ނަޒާހަތްތެރި، އަދި ސިޔާސީ އަދި ޕާޓީތަކުގެ ނުފޫޒުން ވަކިވެފައިވާ ބައެއްކަން ކަށަވަރުކުރުމަށްވެސް ޓްރާންސްޕެރެންސީން ގޮވާލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *