މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މިހާރު

ހުޅުމާލެ ފޭސް ދޭކުން 60 ބިން ވިއްކުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

އެޗްޑީސީން ވަނީ މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީޗް ފްރަންޓުންނާއި ބީޗް ސައިޑުން ބިން ވިއްކަން ނިންމައި އެކަން އިއުލާންކޮށްފައެވެ. އެކަމާއި ގުޅިގެން މޭޔަރު މުއިއްޒު މިރޭ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބަދަލުގައި އެޗްޑީސީގެ އާމްދަނީ އިތުރުކުރުމަށްކަމަށެވެ.

އަދި އެއީ މާލެ ރައްޔިތުން ނިކަމެތިކުރުންކަމަށާއި އެކަން ހުއްޓާލުމަށް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އޭގެ އިތުރުންވެސް މުއިއްޒު ވަނީ ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށް ވިދާޅުވެފައެވެ. މޭޔަރު މުއިއްޒު އެގޮތަށް ވިދާޅުވީ، ހުޅުމާލެ އަކީ އެޗްޑީސީ ނުވަތަ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތްތަނެއްކަމާއިމެދު މިފަހުން އުފެެދިގެން އުޅޭ ހިޔާލުތަފާތުވުންތަކަށް އިޝާރާތްކުރައްވައެވެ.

މޭޔަރު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަަދު ނަޝީދުވެސް ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް އިރު، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިރޭ ވިދާޅުވެފައެވެ. އަދި އެ ސިޔާސަތު ބަދަލުކުރުމަށްވެސް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އެޗްޑިސީން މިއަދު ބިން ވިއްކަން ނިންމައި ކުރި އިއުލާނުގައި ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަ ފޫޓަށްވުރެ ބޮޑު ބިމެއްގެ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މުޅިން އަލަށް ބިން ގަންނަ ފަރާތްތަކަށް ބިން ވިއްކަން ފެށުމުން ބިންވެރިކުރުވުމުގައި ޒަމާނުއްސުރެ އޮތް ފަރަގުތައް ކޮންމެވެސް ވަރަކަށް ނެތިގެންދާނެއެވެ.

އެޗްޑީސީން ވަނީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ގޯތި ދޫކުރެވޭ ވަރަށް މިހާރު ހުޅުމާލޭގައި ބިން ނެތްކަމަށް ވެސް މީގެ ކުރިން ބުނެފައިވެއެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *