މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތްއިރު ހުޅުމާލެ އިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދި އެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.
އެކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް އިރު، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ސިޔާސަތު ބަދަލުކުރުމަށްވެސް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
Male’ sarahadhuga dhiriulhey aanmdhanee madhu meehunah bin libeyne gotheh nethi HulhuMale’ in bin vikkumakee balaiganeveyne kameh noon. Mi siyaasath badhalu kurumah sarukaarah govaalan
— Mohamed Nasheed (@MohamedNasheed) December 27, 2021
އެޗްޑީސީން ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަ ފޫޓަށްވުރެ ބޮޑު ބިމެއްގެ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މުޅިން އަލަށް ބިން ގަންނަ ފަރާތްތަކަށް ބިން ވިއްކަން ފެށުމުން ބިންވެރިކުރުވުމުގައި ޒަމާނުއްސުރެ އޮތް ފަރަގުތައް ކޮންމެވެސް ވަރަކަށް ނެތިގެންދާނެއެވެ.
މީގެ ކުރިން އެޗްޑީސީން ވަނީ މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ގޯތި ދޫކުރެވޭ ވަރަށް މިހާރު ހުޅުމާލޭގައި ބިން ނެތްކަމަށް ވެސް ބުނެފައިވެއެވެ.
އަތްފޯރާ އަގުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުން ކޮންމެ އާއިލާއަކަށްވެސް ތާހިރު ދިރިއުޅުމެއް ބިނާކުރެވޭނެ ފަދަ ވެއްޓެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒަކަށް ވާއިރު، މާލޭގެ ރައްޔިތުންނަށް ބިން ލިބޭނެ ގޮތެއް ނެތުމަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ތަމްސީލުކުރައްވާ މަޖިލިސް މެމްބަރުން އަބަދުވެސް ފާޅުކުރައްވާ ކަންބޮޑުވުމެކެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީން ހެދި ސާވޭއަކުން އެނގޭ ގޮތުގައި މާލޭގައި ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި، މާލޭގެ 5600 އެއްހާ އާއިލާ ދިރިއުޅެމުން އެބަދެއެވެ.