ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއިން ބިން ވިއްކަނީ ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އެޗްޑީސީން ބުނީ މިގޮތަށް ބިން ވިއްކައިގެން ލިބޭ ފައިސާއިން ސޯޝަލް ހައުސިންއަށް އިތުރު ބިންތަކުގެ އަގު ކަނޑައަޅައި އެފަދަ މަޝްރޫތަކުން އަގު ކުޑަކުރުމަކީވެސް ބިން ވިއްކުމުގެ އެއް ބޭނުންކަމަށެވެ. އެޗްޑީސީން ބުނީ ބިން ވިއްކުމުގައި އިސްކަން ދޭނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަ ފޫޓަށްވުރެ ބޮޑު ބިމެއްގެ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށް ކަމަށެވެ.
ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި [email protected] އަށް މެއިލް ކުރުމަށް އެޗްޑީސީން ބުނެއެވެ. ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ.
އެޗްޑީސީން ވިއްކަން ހަމަޖެހިފައިވަނީ ވިއްކުމަށް ހަމަޖެހިފައިވަނީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯއްޗެވެ. ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ފެބްރުއަރީ 9 ގައި ހުޅުވާލާއިރު ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 16 ގައެވެ.
އެ ދެ ބާވަތުގެ ބިންތަކަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 300،000 ރުފިޔާއެވެ.