އަންނަ އަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށްފަހު މީޑިއާއާއި ވާހަކަދައްކަވަމުން މައުސޫމް ވަނީ އަންނަ އަހަރަށް 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރިއެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން 2020 ވަނަ އަހަރު ސުމަކަށް ވެއްޓުމަށްފަހު މިހާރު ވަނީ ކުރިއަރަން ފަށާފައެވެ. އެގޮތުން އެ އަހަރު ރާއްޖެ ޒިޔާރާތްކުރީ 555،494 ފަތުރުވެރިންނެވެ.
ކޮވިޑްގެ ދަތިތަކާއި އެކު ވެސް މަސައްކަތްކޮށް ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުވެސް އުއްމީދަކީ ރާއްޖެއިން ކަނޑައަޅާފައިވާ ޓާގެޓް ވާސިލްވުން ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އަންދާޒާ ކޮށްފައިވަނީ ބެސްޓް ކޭސް ސިނާރިއޯގައި ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އަދި މޮޑަރޭޓް ކޭސްގައި 1.6 މިލިއަން އަދި ވަރސްޓް ކޭސް ސިނާރިއޯގައި 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.
އެއާއެކު، ބެޑް ނައިޓްސް ހުންނާނެ ކަމަށް ލަފާ ކުރެވެނީ 9.8 މިލިއަނާއި 11.5 މިލިއަނާ ދެމެދުގެ އަދަދެއްގައި ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.