އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އައިމިނަތު ޝިއުނާ ހިމެނޭހެން އެ ކޮމިޝަނުގައި މިހާރު ބާކީ ތިބި ހުރިހާ މެމްބަރުން އިސްތިއުފާ ދީފިއެވެ.
އެ ކޮމިޝަނުގައި ބާކީ ތިބީ ތިން މެމްބަރުންނެވެ. އެއީ ރައީސް ޝިއުނާ އާއި، ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ. އެ ކޮމިޝަނުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ މި މަސް ތެރޭގައި އެ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ.
ކޮމިޝަނުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ. ކޮމިޓީން މިގޮތަށް ފާސްކުރީ އިއްޔެ ހަވީރު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމީ އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ މަސައްކަތްތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާ ކަމަށް ތުހުމަތުކުރެވި އެ މައްސަލަ ކޮމިޓީން ބެލުމަށް ފަހުގައެވެ. އެކަމުގައި ކޮމިޝަންގެ އޮޑިޓެއް ވެސް ހަދާފައިވާއިރު، ކޮމިޝަންގެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އަރުވާފައިވެއެވެ. މެމްބަރުން ޖަވާބުދާރީވީ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށެވެ.
ކޮމިޝަނުން ޖަވާބުދާރީވުމުގެ ގޮތުން ކޮމިޓީ އަށް ކޮންމެ މެމްބަރަކު ވަކިން ސިޓީ ފޮނުވާފައިވާއިރު، ކޮމިޓީން ނިންމީ އެއަށް ރިއާޔަތް ނުކުރުމަށެވެ. އެގޮތަށް ނިންމީ އެ ސިޓީތަކުގައި ވަނީ ކޮމިޝަނުން މީގެ ކުރިން ވެސް ދައްކާފައިވާ ވާހަކަތައް ކަމަށް ބުނެއެވެ. އެ ކޮމިޝަނުން މަސައްކަތްތައް ލަސްވުމުގެ ދިފާއެއްގެ ގޮތުގައި ދައްކަމުން އައީ ކޮމިޝަނުގައި ތަމްރީން ލިބިފައިވާ މުވައްޒަފުން މަދުވުމާއި އެކަށީގެންވާ ބަޖެޓެއް ނެތުމެވެ.
ކޮމިޝަނުގެ މަސައްކަތްތައް ބެލުމަށް ފަހު ހަދާފައިވާ އޮޑިޓް ރިޕޯޓަށް ވެސް އެ ކޮމިޝަނުން ފާޑުކިޔައި އެއާމެދު ވެސް ހިންހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި އެ އޮޑިޓް ހަދާފައިވާ މުއްދަތުގެ ތެރޭގައި ކޮމިޝަންގެ މި ދައުރުގެ މެމްބަރުންގެ މަސައްކަތް ފެންނާނީ 10 މަހު ކަން ފާހަގަކޮށް އެ 10 މަހު ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތްތައް އަވަސްކުރުމަށް ގެނެސްފައިވާ ބަދަލުތައް ވެސް ހާމަކޮށްފައިވެއެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި އެކު އެ ކޮމިޝަނުން ވަނީ ސަރުކާރުން ކޮމިޝަނަށް ނުފޫޒުފޯރުވަން މަސައްކަތްކުރާ ކަމާއި، ކޮމިޝަންގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.