ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މިއަދު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފުދަކާއެކު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފައި ވަނީ މިމަހު 22 ވަނަ ދުވަހުއެވެ. ހަތް ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ރަސްމީ ކަންކަން އޮތީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ޝެއިޚް ހަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، 23 ވަނަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ޝައިޚް ޙަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ޝެއިހް ހަސީނާ ރައީސްގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސް ސޯލިހާއެކު ބައްދަލުވުންތަކެއް ބާއްވައި ދެ ގައުމުގެ ދެމެދުގައި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެބޭފުޅުން ވަނީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދުގައި ކުރެވޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އެ އެއްބަސްވުންތަކަކީ:
- މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް
- ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއާ އެންޑް މެޑިކަލް ސައިންސް
- މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް
- ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓް
އެއެއްބަސްވުންތަކުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުންވެސް ވަނީ އިއްޔެ ކުރިޔަށް ގެންގޮސްފައެވެ. އަދި ޝެއިޚް ހަސީނާއާއި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ރަސްމީ ޖައާފަތެއް ވެސް ބާއްވަވާފައެވެ.
އެޔަށްފަހު ޝެއިޚް ހަސީނާ ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރައްވާފައެވެ. އެކަމަނާގެ ތަގުރީރު ފާހަގަކޮށްލެވުނީ ރާއްޖެއާ ބަންގްލަދޭޝްގެ ގުޅުމާއި ކުރިޔަށް އޮތްތަނުގައި ބަދަހިކުރަން ބޭނުންވާ ގުޅުމުގެ މައްޗަށް އަދި ބަންގްލަދޭޝްއިން މިނިވަންކަމަށް ކުރި ދިގު އަދި އުނދަގޫ ދަތުރުގެ އިތުރުން ޑިމޮކްރެސީއަށް ޝެިހް ހަސީނާ ކުރެއްވި ހިތްދަތި ގުރުބާނީތަކުގެ މައްޗަށް ބިނާކޮށް ދެއްވި ތަގުރީރެއްގެ ގޮތުގައެވެ.