ރައީސް ސޯލިހް -- ފޮޓޯ: ރައީސް އޮފީސް

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އަޑު ކަނޑުވާނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހް މިފަދައިން ގޮވާލެއްވީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ހުނަރުގެ ވާހަކަ ދައްކަމަވުން ރައީސް ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ ވާހަކަކޮޅަކަށް އަލިއަޅުވާލައްވާފައެވެ. އެވާހަކަކޮޅާ ހަވާލާދެއްވާ ރައީސް ސޯލިހް ވިދާޅުވީ ލީޑަރަކަށްވުމާއެކު، އެ ލީޑާޝިޕެއްގެ ދަށުގައި ތިބޭ މުވައްޒަފުން އޭނާގެ ބާރުގެ ދަށަށްލާ ފިއްތާލުމަކީ، ބައެއް ލީޑަރުންނަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އަދިވެސް އޭނާ ވިދާޅުވެފައިވޭ؛ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޑު ކަނޑުވާލައި، އެ ފަރާތްތަކުގެ ފަންނީ ލަފާ ބޮލާލާޖަހައި، އެ މުވައްޒަފުން އޮފީހަށް ދީފައިވާ ގަދަރު ކުޑަވާގޮތްގޮތަށް ލީޑަރުގެ އަމަލުތައް ހުރެއްޖެނަމަ، އޮފީހުގެ ވެރިންނާއި މުވައްޒަފުންނާ ދެމެދު އޮންނަންޖެހޭ ގުޅުމަށް ބުރޫއަރައި، އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު، އެ މުވައްޒަފުންގެ ބޭނުން، އެ މުވައްޒަފުންގެ ފުލް ކެޕޭސިޓީގައި ނުލިބޭނެ ކަމަށް.

ރައީސް ސޯލިހް ވިދާޅުވީ މިގޮތަށް ކަން ކުރާނަމަ، އެ ލީޑަރަކީ ކޮންމެ އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ މީހަކަށްވިޔަސް، އަދި ތައުލީމީ ގޮތުން ކިތަންމެ ފުންނާބު އުސް މީހެއް ކަމަށްވިޔަސް، އެތަނަކުން އެ މީހަކު ބޭނުންވާ ނަތީޖާ ހާސިލުކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

އޮބާމާގެ އެ ވާހަކަފުޅުގައި، ވިސްނާލަންވީ ވަރަށް ގިނަ ނުކުތާތަކެއް އެބަހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އެކުގައި މަސައްކަތްކުރާ މީހުންނަކީ، ތިމާގެ ދަށުގައި މަސައްކަތްކުރާ މީހުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

އަދި އޭގެ ބަދަލުގައި، އޮފީހުގައި މަސައްކަތްކުރާ އެންމެ އާދައިގެ މުވައްޒަފަކީ ވެސް، ތިމާ ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށާއި، ފުރިހަމަ ލީޑާޝިޕެއްގެ ނުވަތަ ލީޑަރަކަށްވުމުގެ ބިންގަލަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އޮފީސްތަކުގައި ތިއްބެވި ސިވިލް ސާވިސް މުވައްޒަފުންނަކީ، އެތައް އަހަރެއްގެ ތަޖުރިބާއާއި ތަމްރީން ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންގެ އިލްމީ ގާބިލުކަމާއި ތަޖުރިބާގެ އެންމެ އެދެވޭ ނަތީޖާ ހާސިލުކުރެވޭނީ ލީޑަރުންގެ ކިބައިގައި، އެ ނަތީޖާ ނެރުމުގެ ގާބިލުކަން ހުރެގެން ކަމަށެވެ. މުއައްސަސާގެ ހިދުމަތްތައް ރަނގަޅުވެ، ރައްޔިތުންގެ އިތުބާރުވެސް ލިބޭނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ތިޔައިގެ ތެރެއިން ކޮންމެ ލީޑަރަކީވެސް އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައި، އެ މުވައްޒަފުންގެ ކުރިއެރުމަކީ ތިޔަ ލީޑަރުންގެވެސް ކުރިއެރުން ކަމުގައި ގަބޫލުކުރައްވާނެ ބޭފުޅުން.

ލީޑާޝިޕް ހުނަރަކީ އެކަން އެގޮތަށް ބަލައިގަތުމުގެ ގާބިލުކަން ހުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތުގެ އޮފީސްތަކުގައި ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސާވިސް މުވައްޒަފުން ތިބޭއިރު އެ ދެ ބާވަތުގެ މުވައްޒަފުންގެ މެދުގައި ގުޅުން އެހާ ރަނގަޅު ނޫން އޮފީސްތައްވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ރާއްޖޭގައި ވެގެން އުޅޭކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސިވިލް ސާވިސް މުވައްޒަފުން ގޮވައިގެން، އެ ބޭފުޅުންގެ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން، ސަރުކާރުގެ ވައުދުތައް ފުއްދައިދިނުމަށް، އެންމެން އެކުގައި އަތުކުރި އޮޅާލުމަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *